ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި ހުސެއިން ޝިފާއު ޖަލު ހުކުމުން ސަލާމަތްވާ ގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިއުތިރާފުގެ އެއްބަސްވުން ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވި ގޮތުގައި، އެ އެއްބަސްވުން ބަލައިނުގަތުމަށް ނިންމެވީ، އެއީ ޝިފާއުގެ ފަރާތުން ގެއްލުންވި ފަރާތްތަކަށް ބަދަލު ލިބޭނެ ކަމުގެ ޔަގީންކަން ލިބޭނެހެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ އެވެ. މި މައްސަލައިގައި ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވެ އެވެ.
ކޯޓަށް ހުށަހެޅި އިއުތިރާފުގެ އެއްބަސްވުމުގައި، ޝިފާއުގެ މައްޗަށް އުފުލާފައިވާ 23 ދައުވާގެ ތެރެއިން ހަތް ދައުވާއެއް ފިޔަވައި އެހެން ހުރިހާ ދައުވާއެއް އަނބުރާ ގެންދިއުމަށް ހުށަހަޅާފައިވެ އެވެ. މީގެ ތެރޭގައި މަނީ ލޯންޑަރިންގެ ހުރިހާ ދައުވާތަކާއި، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ހުރިހާ ދައުވާތައް ހިމެނެ އެވެ. މި އެއްބަސްވުމުގެ ދަށުން، ޝިފާއުގެ މައްޗަށް އަންނާނީ 88 ދުވަހުގެ ޖަލު ހުކުމަކާއެކު، 184،000 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ.
މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 ޑޮލަރު (1.9 މިލިއަން ރުފިޔާ) ކަމަށް ދައުލަތުން ބުނެފައިވެ އެވެ. ޝިފާއުގެ މައްޗަށް ކުރާ 23 ދައުވާގެ ތެރޭގައި ހިމެނެނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއާއި، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއާއި، މަނީ ލޯންޑްރިންގެ ހަތް ދައުވާ އެވެ.
ޝިފާއު މި މައްސަލައިގައި 28 އޭޕްރީލް 2023 ގައި ހައްޔަރުކުރުމަށްފަހު، 27 މޭ 2023 ގައި ކޯޓުން ދޫކޮށްލުމާ ގުޅިގެން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވެ އެވެ. އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށްފަހު، 28 ސެޕްޓެމްބަރު 2023 ގައި އަނބުރާ ރާއްޖެ އައުމުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ދޫކޮށްލާފައިވެ އެވެ.
ކްރިމިނަލް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)