މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް، މުޢާޛު ޢަލީ ރިޝްވަތަށް އެދުނު މައްސަލައިގައި ދަޢުވާކުރުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސްއާ ގުޅޭ މައްސަލައެކެވެ. މި ސިނގިރޭޓް ކޭސްތައް ވަނީ ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްގައި ބަހައްޓާފަ އެވެ. އޭގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ވެއަރހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓް ކޮށްފައި ނުވާކަން އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.
އޭސީސީގެ ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، މި މައްސަލަ އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި މުޢާޛު ޢަލީ ވަނީ އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން ރިޝްވަތަށް އެދިފަ އެވެ.
މި މައްސަލައިގައި މުޢާޛު ޢަލީގެ މައްޗަށް ދަޢުވާކުރުމަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. އެއީ އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދަޢުވާ އެވެ.
މި މައްސަލައިގައި ދަޢުވާ ކުރުމަށް އޭސީސީން ވަނީ 8 އޮކްޓޫބަރު 2025 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. މި މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމުމަށް ފަހު ދަޢުވާކުރުމުގެ މަރުހަލާ ކުރިއަށްދާނެ އެވެ.
ކަސްޓަމްސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)