ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މި މަހުގެ 24 ވަނަ ދުވަހު އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެކަން ރަސްމީކޮށް އިއުލާނު ކުރެއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް) އެވެ.
މިއީ ފީފާގެ ރައީސަކު 19 އަހަރުތެރޭގައި ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ފީފާގެ ރައީސެއް އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ.
ޓޮމް ވިދާޅުވީ މިއީ ތާރީހީ ދަތުރުފުޅެއް ކަމަށާއި މިއީ ފުޓުބޯޅަ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އާ އަޒުމަކާ އެކު މަސައްކަތް ކުރުމަށް ލިބޭ ހިތްވަރެއް ކަމަށްވެސް ޓޮމް ވިދާޅުވިއެވެ.
އެފްއޭއެމް އާ އައު ހިންގާ ކޮމިޓީ ހަވާލުވިފަހުން އެ އެސޯސިއޭޝަނުން ދަނީ ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



