2020 ވަނަ އަހަރު ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުވާ އުފުލި އިރުފާން ތަގިއްޔުގެ މައްސަލައިގައި ރަޖިސްޓްރޭޝަން ފީ ނުދައްކާ ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން ކުރި އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލުމުން ޕީޖީގެ ފަރާތުން މައްސަލައެއް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހަޅައިފި އެވެ.
72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ޕީޖީން ހައިކޯޓަށް ހުށަހެޅި އިރުފާން ތަގިއްޔުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ 15 އޮކްޓޫބަރުގައި ނިންމަވާފައިވަނީ، މައްސަލައިގެ ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގައި، ”ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ އެންގުން“ 5 އޮކްޓޫބަރުގައި ޕީޖީ އޮފީހަށް މެއިލް ކުރެވިފައިވާއިރު، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާ ކަމަށް ބުނެ އެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން މިދިޔަ ބްރާސްފަތި ދުވަހު ވަނީ ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން މުރާޖައާ ކޮށްދިނުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި މިކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ، ފީ ދެއްކުމަށް އަންގާ ލިޔުން މެއިލްކުރިކަމަށް ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމުމުގައި ބަޔާންކޮށްފައިވީނަމަވެސް، އީމެއިލް މި އޮފީހުގެ ކަނޑައެޅިފައިވާ އީމެއިލްއަށް ލިބިފައިނުވާ ކަމަށެވެ. އަދި އެފަދަ ލިޔުންތައް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހުވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރިނަމަވެސް، އިރުފާން ތަޤިއްޔުގެ މައްޗަށް ރައްދުވާ އިސްތިއުނާފު މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ”ޖަވިޔަނި“ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އިދާރީ ކަންކަމާގުޅިގެން ދިމާވާ މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކޮށްދިނުމަށް ޕީޖީ އޮފީހުގެ ފަރާތުން ޑީޖޭއޭގައި އެދިފައިވާނެ ކަމަށެވެ.
މި މައްސަލައިގައި ދެން ހިމެނޭ 2 މީހުންގެ އިސްތިއުނާފު ހައިކޯޓަށް ވަނީ ބަލައިގަނެފަ އެވެ.
”މަސްޖަރީ 2“ ނަމަކަށް ކިޔާ ދޯންޏެއްގައި 72 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ 2020 ޑިސެމްބަރު 8 ވަނަ ދުވަހު އެވެ. މިތަކެތި ފުލުހުން އަތުލައިގަތީ މާލޭގައި އޮތް ކާރަކުންނެވެ. މިމައްސަލައިގައި ފުލުހުން މީގެކުރިން ބުނެފައިވަނީ އިރުފާން ތަޤިއްޔު އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމަށެވެ.
މި މައްސަލައިގައި ޖުމުލަ 10 މީހެއްގެ މައްޗަށް ދައުލަތުން ޑައިމޯފިންގެ ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ. ނަމަވެސް ފަހުން މީގެން ބައެއް މީހުންގެ ދައުވާ އަނބާ ގެންގޮސް ދައުވާ ކުރިއަށް ގެންގޮސްފައިވަނީ 3 މީހެއްގެ މައްޗަށެވެ. އެއީ:
- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔު
- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަޙްމަދު ނަޞީރު
- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުޙައްމަދު އަކްރަމް
މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ. މި މީހުންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޖުލައި 16 ވަނަ ދުވަހު އެވެ.
ހައި ކޯޓު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)