އެންމެން އެކުގައި މަސައްކަތްކޮށްގެން ބަނޑުހައި ހޫނުކަން ނައްތާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި ރަނގަޅު މުސްތަގުބަލެއް ފެށެނީ ރަނގަޅު ކާނާއަކުންނެވެ. އަދި އެއީ އިންސާނީ ހައްގެއްކަން ވެސް ފާހަގަކުރެއްވި އެވެ. މީގެއިތުރުން، ކާބޯތަކެއްޗަކީ ހަމައެކަނި ހަށިގަނޑަށް ކެއުމުގެ ބޭނުމުގެ އިތުރުން، އެކި ސަގާފަތްތަކާއި މުޖުތަމަޢުތައް އެއްކޮށްލުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ވެސް ފާހަގަކުރެއްވި އެވެ.
މޫސުމީ ބަދަލުތަކާއި ހަނގުރާމަތަކުގެ ސަބަބުން މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެންމެން އެކުގައި މަސައްކަތްކުރުން މުހިންމުކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރުކޮށް މާނަހުރި ބަދަލުތަކެއް ގެންނަން ޖެހޭކަން ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ.
”އެކުގައި މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް ބަނޑުހައިހޫނުކަން ނައްތާލެވި، ކެއުމުގެ ފެންވަރު ރަނގަޅުކޮށް، އަދި އެންމެންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ. ރަނގަޅު މުސްތަޤުބަލެއް ފެށެނީ ރަނގަޅު ކާނާއަކުން،“ ސާޖިދާ ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު 16 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހެވެ. މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ ”ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލަމާ“ އެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ބަނޑުހައިހޫނުކަން ނައްތާލުމާއި، ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމުގެ މުހިންމުކަން ހާމަކޮށްދިނުމުގެ އިތުރުން މިކަންކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމެވެ.