ޤައުމަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކޮށް، ފުޑް ސެކިއުރިޓީ ޤާއިމްކުރުމުގެ އުންމީދު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި، ދުވަހުގެ ހެޔޮ އެދުންތައް، ދަނޑުވެރިންނާއި އެ ސިނާޢަތް ކުރިއެރުވުމަށް ހީވާގިކަމާއެކު މަސައްކަތްކުރައްވާ ފަރާތްތަކަށް އަރިސްކުރައްވާފައިވެ އެވެ. ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިންގެ މަސައްކަތުން އެނގިފައިވާ ކަމުގައި ވިދާޅުވެފައިވެ އެވެ.
އެހެންކަމުން، ރާއްޖޭގައި، ރާއްޖެއަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކުރެވި، ފުޑް ސެކިއުރިޓީ ޤާއިމްކުރެވޭނެކަމުގެ އުންމީދު އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކްސް މެދުވެރިކުރައްވައި ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ. އެކަމަނާގެ މެސެޖުގައި، ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ދަނޑުވެރި ނިޒާމެއް ޤާއިމުކުރުމުގެ މައްޗަށް ބައްލަވާލައްވާފައިވެ އެވެ. އަދި، ދަނޑުވެރިން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، މި ސިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އެކަމަނާ ތަހުނިޔާ ފޮނުއްވާފައިވެ އެވެ.
ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި އުފައްދައި، ޤައުމުގައި ފުޑް ސެކިއުރިޓީ ޤާއިމްކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެކެވެ.
އެގޮތުން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމާއި، ދަނޑުވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކޮށް، ސިނާޢަތް ފުޅާކޮށްގެން އިޤުތިޞާދު ސިންދަފާތުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ދަނޑުވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދަނޑުވެރިކަން