އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ލިބިދިނުމާއި އެކުދިންގެ އަޑު އިވި، އިހްތިރާމް ލިބޭކަން ޔަޤީންކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.
ބައިނަލްއަގްވާމީ ފެންވަރެއްގައި ފާހަގަކުރާ އަންހެން ކުދިންގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިން ދައްކުވައިދޭ ހިތްވަރާއި، ވިސްނުންތޫނުކަމާއި އޯގާތެރިކަން ފާހަގަކުރައްވާފަ އެވެ.
މުޖުތަމައުތަކުގައި އަންހެން ކުދިން ލީޑަޝިޕް ދައްކުވައިދިނުމާއި ދަތި އުނދަގޫ ވަގުތުތަކުގައި އަންހެން ކުދިން ދައްކުވައިދޭ ސާބިތުކަމުގެ ސަބަބުން އަންހެން ކުދިންނަކީ ހަގީގީ ކެތްތެރިކަން ދައްކުވައިދޭކަމަށް މެޑަމް ސާޖިދާ ވިދާޅުވި އެވެ.
މެޑަމް ސާޖިދާ ވިދާޅުވީ އަންހެން ކުދިންގެ އަޑު އިވި، އެކުދިންނަށް އިހްތިރާމް ލިބޭކަން ކަށަވަރުކުރުމަށާއި އެކުދިންނަށް ތައުލީމު ހާސިލުކޮށް، އެކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 11 ވަނަ ދުވަސް ފާހަގަކުރަނީ އަންހެން ކުދިންގެ ބައިނަލްއަޤްވާމީ ދުވަހުގެ ގޮތުގަ އެވެ. މި ދުވަހުގެ ބޭނުމަކީ އަންހެން ކުދިންގެ ހައްޤުތައް ފާހަގަކޮށް، އެކުދިން ބާރުވެރިކުރުވުމަށް މަސައްކަތްކުރުމެވެ.