ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމުގައި ނަފްސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް އިސްކަން ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ކާރިސާތަކާއި ހަނގުރާމަތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތައް ހަނދާން ކުރަން ޖެހޭ ކަމަށެވެ. އަދި މިފަދަ ނާޒުކު ހާލަތްތަކުގައި އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވަނީ ކުޑަކުދިންނާއި އަންހެނުންނަށް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
”ނަފްސާނީ ދުޅަހެޔޮކަމަކީ އިޙްތިޔާރީކަމެއް ނޫން، އެއީ އިންސާނީ ހައްޤެއް“ މިހެން ވިދާޅުވަމުން، ސާޖިދާ ވިދާޅުވީ ކުއްލި ހާލަތްތަކަށް އިޖާބަ ދިނުމުގައި ކުލުނުވެރިކަން އިސްކުރުމުގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމަށެވެ.
މި ދުވަހާއި ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވެފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަކީ ފަރުދުންނާއި، އާއިލާތަކާއި އަދި މުޅި ގައުމުގެ ވެސް ބިންގާ ކަމަށެވެ.
މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިޢާރު އަމާޒުކޮށްފައިވަނީ އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށެވެ. މިގޮތުން ފަލަސްޠީނުގެ ރައްޔިތުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިވަގުތު ކުރަންޖެހިފައިވާ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، އެކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވާފައިވެ އެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު 10 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހުގެ މަޤްޞަދަކީ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރި އަދި އަހުލުވެރި މުޖުތަމަޢުއެއް ބިނާކޮށް، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކާލާތު ކުރުމެވެ.