މީޑިޔާ ބިލު އާންމު ރައްޔިތުންނަކަށް އެޕްލައި އެއް ނުވާނެ: އޭޖީ

Advertisement

އެންމެ ފަސް

Advertisement

މީޑިޔާ ބިލު އާންމު ރައްޔިތުންނަކަށް އެޕްލައި ނުވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމް ގެ އިންޓަވިއު އެއްގައި ވާހާކަ ދައްކަވަމުންނެވެ.

މި ޕްރޮގްރާމްގައި އުޝާމް ވިދާޅުވީ މީޑިޔާ ބިލަކީ މި މީޑިޔާތައް ރެގިއުލޭޓް ކުރާ ބިލެއް ކަމަށެވެ. މި ބިލުން ރެގިއުލޭޓް ކުރާނީ މީޑިޔާތަކާއި މީޑިޔާތަކުގަ މަސައްކަތް ކުރާ ފަރާތްތައް ކުރާ މަސައްކަތް ކަމަށް ވެސް ވިދާޅުވިއެވެ.

”އާންމު ރައްޔިތަކު ކުރާ ކަމަކަށެއް މީ އެއްވެސް ފިޔަވަޅެއް އެޅޭ ގޮތަކަށް ނޫން މި ބިލު އޮތީކީއެއް. އާންމު ރައްޔިތުން ސޯޝަލް މީޑިޔަގަ ލިޔާއެއްޗަކަށް ފިޔަވަޅެއް އެޅޭ ގޮތަކަށް ނޫނީ އެކަން ރެގިއުލޭޓް ކުރާ ގޮތަކަށް އޮތް ބިލެއް ނޫނޭ މީކީ.“ އުޝާމް ވިދާޅުވިއެވެ.

މި ބިލަކީ އާންމުންނަށް އެޕްލައިވާގޮތަށް އޮތް ބިލެއް ނޫން ކަމާއި މީ ޖުމްލަކޮށް މީޑިޔާތައް ރެގިއުލޭޓް ކުރާ ބިލެއް ކަން ނޫސްވެރިންނަށް ކަނޑައެޅިގެން އެނގޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެނޫން ގޮތަކަށް އެކަން ދައްކަން ބައެއް ނޫސްވެރިން މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

މީޑިޔާ ބިލަކީ ނޫސްވެރިންނާ މީޑިޔާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލާމެދު ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބިލު މަޖިލީހަށް ބަލައިގަނެ ބަހުސް ވެސް ކުރީ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިގެންނެވެ.

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ ދޮގު މަޢުލޫމާތު ފެތުރުމުގެ މައްސަލަ ހައްލުކުރުމަށް ހުށަހަޅާފައިވާ ބިލެއްކަން ފާހަގަކުރައްވައި، މި ބިލުގެ ސަބަބުން މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އަދި މީޑިއާތަކުން މަޢުލޫމާތު ހާމަކުރަންވާނީ އެ މަޢުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ކަމަށާއި، މަޢުލޫމާތުގެ ތެދުދޮގު ބެލުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް އާންމުކޮށްގެން ނުވާނެ ކަމަށްވެސް އުޝާމް ވިދާޅުވެފައިވެއެވެ.

މީޑިއާ ބިލަށް ބަންޑާރަނައިބްގެ އޮފީހުން ގިނަ އިސްލާހުތަކެއް

މީޑިއާގެ ބިލާމެެދު ނޫސްވެރިންގެ ބޮޑެތި ހިތްހަމަނުޖެހުންތަކެއް ހުރިއިރު މިހާރު ކޮމެޓީ މަރުހަލާގައި އޮތް އެ ބިލަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހުތަކެއް ހުށަހަޅާފައެވެ. އެގޮތުން ބަންޑާރަނައިބުގެ އޮޮފީހުން ވަނީ ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމަށްވެސް ހުށަހަޅާފަ އެވެ. މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ ޢާންމު ނިޒާމާއި، ޤައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްޞީލުކޮށް ހިމެނުމަށްވެސް ހުށަހަޅާފައިވެ އެވެ.

ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބަދަލުކުރުން ހިމެނެ އެވެ. މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނުގެ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނެމަށް ހުށަހަޅާފައިވެ އެވެ.

މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނަށް އިންތިޚާބުކުރެވޭ މެންބަރުންގެ މެންބަރުކަމުގެ ޝަރުތެއް ނުވަތަ ސިފައެއް އުނިވެއްޖެނަމަ، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިޚްތިޔާރު އެ މެންބަރުން އިންތިޙާބުކުރުމަށް ވޯޓު ދިން ފަރާތްތަކަށް ލިބިދެވޭގޮތަށް ބިލު އިސްލާހު ކުރުމަށްވެސް ބަންޑާރަނައިބުގެ އޮފީހުން އިސްލާހު ހުށަހަޅާފައިވެ އެވެ. މީގެއިތުރުން ބިލުގައި މިހާރު ބަޔާންކޮށްފައިވާ، މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހްތިރާމްކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވެ އެވެ.

ބަންޑާރަ ނައިބް އަހުމަދު އުޝާމް މީޑިއާ ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ