އެސެޓް ޑިކްލަރޭޝަން ހާމަކުރުމާ ބެހޭ ގާނޫނެއް ހުށަހެޅުމުގެ ވިސްނުން އެބަހުރި ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މެންބަރު ކުރެއްވި ސުވާލަކީ، ބަންޑާރަނައިބުގެ އޮފީހުން އެސެޓް ޑިކްލަރޭޝަންއާ ބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރޭތޯ އެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، މިހާރު އެކުލަވާލާފައި އޮތް ލެޖިސްލޭޓިވް އެޖެންޑާގައި އެސެޓް ޑިކްލަރޭޝަންއާ ބެހޭ ގާނޫނެއް ހިމެނިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެސެޓް ޑިކްލަރޭޝަންއާ ގުޅޭ ގޮތުން ވަކި ވަކި ގާނޫނުތަކަށް އިސްލާހުތައް ހުށަހަޅާތީ އެފަދަ ގާނޫނެއްގެ މުހިންމުކަން އެބަ ފެނޭ ކަމަށެވެ.
”އެހެން ނަމަވެސް، މިފަދަ ގާނޫނެއްގު މުހިންމުކަން އެބަފެނޭ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެސެޓް ޑިކްލަރޭޝަންއާ ގުޅޭ ގޮތުން ވަކި ވަކި ގާނޫނުތަކަށް އިސްލާހުތައް ހުށަހަޅަމުންދާތަން އެބަ ފެނޭ.“
އެސެޓް ޑިކްލަރޭޝަންއާ ގުޅޭ އެއް ގާނޫނެއްގެ ދަށުން ދައުލަތުގެ ވަކިވަކި މަގާމުތަކުގައި ތިބޭ ހުރިހާ ފަރާތްތަކެއްގެ އެސެޓް ޑިކްލައިކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ކުރަށްވާ ކަމަށްވެސް އުޝާމް ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރުވެސް ވަނީ އެކިއެކި ޤާނޫނުތައް އިސްލާހުކޮށް، މަޤާމުތަކުގައި ތިބޭ ފަރާތްތައް މާލީ ބަޔާން ހާމަކުރުން ލާޒިމްވާނެ އިސްލާހުތަަކެއް ވައްދާފަ އެވެ. އެގޮތުންް އިއްޔެ ބޭއްވުނު މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގަ ވަނީ މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ގޮތަށް ގާނޫނު އިސްލާހުކުރުމާ ދެކޮޅަށް ވާހަކަދައްކާފަ އެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އެ އިސްލާހުތަކަކީ، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓަރ ޖެނެރަލް މެދުވެރިކޮށް އާންމުކުރަން ލާޒިމްކުރާ ގޮތަށް އޮޑިޓް ގާނޫނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާފައިވާ އިސްލާހުތަކެކެވެ.