މޯލްޑިވްސް ނޭޝަނަލް އެއާޓްރެފިކް ސާވިސް (އެމްނެޓްސް) ގެ އޯޕަން ޑޭގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.
މިއީ އެމްނެޓްސްގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ހާއްސަ ހަރަކާތެކެވެ.
އެމްނެޓްސް އިން މަޢުލޫމާތު ދިން ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރުމެވެ. މީގެ އިތުރުން އެމްނެޓްސްގެ އެކި ފެސިލިޓީތައް ބަލައިލުމުގެ ފުރުސަތު ހޯދައިދިނުމާއި، ޤައުމީ އެއާ ނެވިގޭޝަން ސާވިސްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ދައްކުވައިދިނުން ވެސް ހިމެނެއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އަދި މި ހަރަކާތް އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެމްނެޓްސް އިން ބުނެފައިވެއެވެ.
އޯޕަން ޑޭގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮންމެހެން ރަޖިސްޓްރީ ވާން ޖެހޭނެއެވެ. ރަޖިސްޓްރޭޝަން ހުޅުވާލެވިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ 200 ފަރާތަކަށް ކަމުން، އެ އަދަދަށް ރަޖިސްޓްރޭޝަން ހަމަވުމުން އިތުރު ފަރާތްތަކަށް ފުރުސަތު ނުދެވޭނެއެވެ.