”ވިލުންތެރި ރާއްޖެ 2045“ ގެ ނަމުގައި ރާއްޖޭގެ ގައުމީ ތަރައްގީގެ ދުރުރާސްތާ ޕްލޭން އެކުލަވައިލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ފެށި، އެންމެ ފުރަތަމަ ދަތުރެއްގެ ގޮތުގައި ކ. ގުރައިދޫއަށް ޓީމެއް ޒިޔާރަތްކޮށްފި އެވެ.
މަސައްކަތުގެ ކޮންސަލްޓަންޓު، ނެކްސިއާ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ވިލުންތެރި ރާއްޖެ 2045 ގެ ޕްރޮޖެކްޓު މެނޭޖަރ ޙާމިދު ޞާދިޤު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ”ކުރިމަގު ސައްލާ“ ގެ ދަށުން ކުރިއަށްދާ މި މަސައްކަތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ދަތުރުކޮށް، ރަށު ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކާއި، އާންމު ރައްޔިތުންނާ ބައްދަލުކުރެވޭނެ ކަމަށެވެ.
މި ދަތުރުތަކުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ އެކި ދާއިރާތަކުގެ މަޢުލޫމާތު އެއްކޮށް، ގޮންޖެހުންތައް ދެނެގަނެ، ކުރިމަގަށް ރައްޔިތުން ބޭނުންވާ ތަރައްޤީގެ ޚިޔާލުތައް ހޯދުމެވެ.
2025 އިން 2045 އަށް އަމަލުކުރާ މި 20 އަހަރުގެ ޕްލޭންގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތަކުގެ ބޭނުންކޮށް، ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކަށް، މޫސުމީ ބަދަލުތަކާއި އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ގުޅިގެން ދެމިތިބެވޭނެ ވިލުންތެރި ރާއްޖެއެއް ބިނާކުރުމެވެ. މި ޕްލޭނަކީ ޤާނޫނީ ބާރު ލިބިގެން ސަރުކާރުން އެކުލަވައިލާ ޕްލޭނެކެވެ.
މި ޕްލޭނަކީ 2040 ވަނަ އަހަރު އަންނައިރު، ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މުހިންމު މަސައްކަތްޕުޅުތަކުގެ ތެރެއިން އެއް މަސައްކަތެވެ. މި ޕްލޭން އެކުލަވާލުމުގައި ރާއްޖޭގެ ވީހާވެސް ގިނަ ފަރާތްތަކެއްގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށް ސަރުކާރުން އިސްކަމެއް ދެ އެވެ.
ކ. ގުރައިދޫ ވިލުންތެރި ރާއްޖެ 2045 ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރޕްލޭން
