އއ. ތޮއްޑޫ އާއި ކ. ގުރައިދޫގެ ތަރައްޤީއާ ގުޅިގެން ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑަށް ޖަވާބުދާރީވުމަށްޓަކައި، ސްޓެލްކޯއިން 1،000 ކިލޯވޮޓްގެ ދެ ޖެނެރޭޓަރު މިއަދު އެ ދެ ރަށަށް ގެންގޮސްފި އެވެ.
މިކަމުގެ މަޤްޞަދަކީ އުމްރާނީ ގޮތުންނާއި ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން އަންނަ ކުރިއެރުމާ އެކު، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތޮއްޑޫގައި އުމްރާނީ ގޮތުންނާއި ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ބޮޑެތި ތަރައްޤީތަކެއް އަންނަމުންދާތީ، ކަރަންޓުގެ ޑިމާންޑް އިތުރުވެފައިވާ ކަމަށެވެ. މި ޑިމާންޑް ދެނެގަނެ، ޚިދުމަތް ރަނގަޅުކުރުމަށްޓަކައި ގެންދެވުނު 1،000 ކިލޯވޮޓްގެ އިތުރު ޖެންސެޓް އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު ތޮއްޑޫގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހަމައެފަދައިން، ގުރައިދޫއަށް ވެސް އުމްރާނީ ގޮތުންނާއި ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން އަންނަމުންދާ ތަރައްޤީއާ ގުޅިގެން ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެފައިވާކަން ސްޓެލްކޯއިން ފާހަގަކުރެ އެވެ. އެހެންކަމުން، ގުރައިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 1،000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް މިއަދު ވަނީ އެ ރަށަށް ގެންދެވިފަ އެވެ. މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު އެ ރަށުގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މި ދެ ރަށަށް ޖެނެރޭޓަރު ގެންދިޔުމުގެ މަސައްކަތަކީ، ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ ބޮޑު މަސައްކަތުގެ ބައެކެވެ. ސްޓެލްކޯއިން އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށެއްގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އާ 6 ޖަނަރޭޓަރު ސެޓް އެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
ސްޓެލްކޯގެ އަމާޒަކީ އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް އޭގެ ފައިދާއާއި މަންފާ ލިބިގެންދާފަދަ ޚިދުމަތްތަކަކަށް ހެދުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
