ސަރުކާރުން އެކުލަވާލަން ނިންމާފައިވާ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭންގައި ބައިވެރިނުވާން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ނިންމައިފި އެވެ.
މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އެމްޑީޕީއާ ބައްދަލުކުރަން އެދުމުން، އެމްޑީޕީން ވަނީ އެ ޕްލޭންގައި ބައިވެރި ނުވާން ނިންމާފައިވާކަމަށް ބުނެފަ އެވެ.
އެމްޑީޕީން ބުނާ ގޮތުގައި ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމަކީ މުހިންމު ކަމެއް ނަމަވެސް، މިހާރު ސަރުކާރުން ކަންކަން ކުރަމުންދާ ގޮތާމެދު އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން، 20 އަހަރުގެ ޕްލޭނެއް އެކުލަވާލަން ނިންމި ގޮތާއި، އެކަމުގައި މަޝްވަރާކުރެވުނު ފަރާތްތަކުގެ މައުލޫމާތު ސާފުނުވާކަން އެމްޑީޕީން ފާހަގަކުރި އެވެ.
އެމްޑީޕީން އިތުރަށް ފާހަގަކުރި ގޮތުގައި ސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް އަމަލުނުކުރުމާއި، ގުޑް ގަވަރނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި، ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން ވަނީ އާންމުވެފަ އެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ ކުރިން އެކަށައަޅާފައި ހުރި ހަރުދަނާ އުސޫލުތައްވެސް ކުއްލިއަކަށް ބަދަލުކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި އެމްޑީޕީން ބައިވެރިނުވާން ނިންމި ސަބަބަކަށް ’20 އަހަރުގެ ޕްލޭނެއް އެކުލަވާލަން ނިންމި ގޮތާއި، އެކަމުގައި މަޝްވަރާކުރެވުނު ފަރާތްތަކުގެ މައުލޫމާތު ސާފުނުވާކަމަށް‘ ބުނި ނަމަވެސް މިހާރު ކުރިއަށް ދަނީ މި ޕްލޭން އެކުލަވާލުމުގައި ހުރިހާ އެންމެންގެ މަޝްވަރާ ހޯދުމުގެ މަސައްކަތެވެ. އެގޮތުން މި ޕްލޭން އެކުލަވާލާނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެންމެންގެ ބައިވެރިވުމާއެކުކަމަށް ސަރުކާރުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެންގެ ބައިވެރިވުމާއެކު 20 އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވާލެވޭނެކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިދާޅުވެފަ އެވެ.
އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް އަދި ހުރިހާ ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި އެކި އެކި ސްޓޭކްހޯލްޑަރުންނާއި އެކި އެކި އެކްސްޕާޓުންނާއި ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ވަރަށް ފުރިހަމަ ބައިވެރިވުމާއި މަޝްވަރާއާއެކީ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭންއެއް ކުރިއަށް އޮތް 20 އަހަރު ދުވަހަށް އިރާދަކުރެއްވިއްޔާ ތަރައްގީ ކުރުމުގެ މަސައްކަތް މި ފަށަނީ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުރިހާ ރަށެއްގައި އަދި ކަމާބެހޭ ހުރިހާ ޖަމިއްޔާ ޖަމާޢަތްތަކާއި ކުޅިވަރުކުޅޭ ފަރާތްތަކާއި ސިޔާސީ އެކިއެކި ޕާޓީތަކާއި ޤައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއެކު ވަރަށް ފުޅާދާއިރާއެއްގައި މި ޕްލޭނާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްޑީޕީ ވިލުންތެރި ރާއްޖެ 2045 ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރޕްލޭން
