މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭގޮތުން މިއަދު ބަންޑާރަނައިބު އަހުމަދު އުޝާމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކޮށް، ނޫސްވެރިން ނިކުމެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް ވަނީ، ކުރީ ސަރުކާރުގައި 2022 ވަނަ އަހަރު އޭރުގެ މީޑިއާ ކައުންސިލުން އޭޖީ އޮފީހަށް ހުށަހަޅާފައިވާ ކަރުދާހަކާއި ގުޅުވާ އެ ކަރުދާހުގައި ހުރި ކަންކަމާއި މިހާރު ހުރި ބިލްގައި ހުރި ކަންކަމަށް އަޅާކިޔުއްވާ ވާހަކަ ދައްކަވާފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ކުރިމަތިކުރުވި ސުވާލުތަކަށް އޭޖީ ދެއްވި ޖަވާބާއި މެދު ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވެތިބި ނޫސްވެރިންވަނީ ނުރުހުންފާޅުކޮށްފަ އެވެ. އަދި ބިލް ބޭރުކުރަންޖެހޭ ކަމަށް ގަބޫލުނުކުރަށްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެންވެސް ނޫސްވެރިން ވަނީ އެ ބައްދަލުވުމުގައި ކަންބޮޑުވުންފާޅުކޮށްފަ އެވެ.
މިކަމާއިގުޅިގެން ނޫސްވެރިންވަނީ އޭޖީގެ ޕްރެސް ބްލީފިން ބޮއިކޮޓްކޮށް ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކޮށް ނިކުމެފަ އެވެ.
މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކުރަންޖެހޭކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭޖީ އުޝާމް ވިދާޅުވި އެވެ. އަދި ބިލާމެދު ހުރި ކަންބޮޑުންތަކާއި އިސްލާހު ކުރުމަށް ބޭނުންވާ ކަންކަން، މަޖިލީހުން ހުޅުވާލާފައިވާ ފުރުސަތުގައި މަޖިލީހުގެ ކޮމިޓީއަށާއި އޭޖީއަށް ހުށަހެޅުމަށް އުޝާމް އެދިވަޑައިގަތެވެ. އޭޖީ އުޝާމް ވިދާޅުވީ ބްރޮޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް އެއްކޮށްލުމަކީ މީގެކުރިންވެސް މަސައްކަތް ކޮށްފައިވާ ކަމެއް ކަމަށެވެ.
