ނެޓްފްލިކްސްގެ ރެކޯޑުތަކެއް މުގުރާލި ”ވަން ޕީސް“ ލައިވް އެކްޝަން ސިލްސިލާގައި ސަންޖީގެ ދައުރު އަދާކޮށް، ދުނިޔޭގެ ފެންވަރުގައި މަޝްހޫރުވެފައިވާ ބްރިޓިޝް-ސްޕެނިޝް އެކްޓަރ ޓެޒް ސްކައިލަރ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ފެށުމަށް ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ސްކައިލަރގެ އެމްބެސެޑަރޝިޕަކީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރޝިޕް ޕްރޮގްރާމްގެ ބައެކެވެ. މި ޕްރޮގްރާމްގެ ދަށުން ބައިނަލްއަޤްވާމީ ޝަޚްޞިއްޔަތުތައް މެދުވެރިކޮށް އާ އޯޑިއަންސްތަކަށް ރާއްޖެ ތަޢާރަފުކުރުމުގެ މަސައްކަތް ކުރާނެކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެ އެވެ. އޭނާގެ ޒިޔާރަތުގައި ހަމައެކަނި މުނިފޫހިފިލުވުމުގެ އިތުރަށް، އެޑްވެންޗަރ، ސަގާފަތް އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ވެސް ރާއްޖެއަކީ އެންމެ ރަނގަޅު މަންޒިލެއްކަން ފާހަގަކުރާނެކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެ އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި ސްކައިލަރ ގިނަ އަތޮޅުތަކެއްގައި އެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަން ދައްކުވައިދޭ ޑައިވިންގ އަދި މެރިން އެކްސްޕީރިއަންސްތަކާއި، ރާއްޖޭގެ ލަގްޒަރީކަން ދައްކުވައިދޭ ވެލްނެސް އަދި ލައިފްސްޓައިލް ތަޖުރިބާތަކާއި، ރަށްރަށުގެ އެކިއެކި ސަގާފީ ހަރަކާތްތައް ހިމެނެ އެވެ.
ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ރާއްޖެއަށް އައި ޓެޒް ސްކައިލަރ އަށް މަރުހަބާ ކިޔަން ލިބުމަކީ އުފަލެއްކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.
އޭނާގެ ނުފޫޒާއި ވާހަކަ ކިޔައިދިނުމުގެ ހުނަރު ބޭނުންކޮށްގެން ރިލެކްސޭޝަނަލްގެ އިތުރުން، ސަގާފަތް، އެޑްވެންޗަރ އަދި ލައިފްސްޓައިލް ތަޖުރިބާތަކަށް ވެސް ރާއްޖެއަކީ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ.
1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލަރގެ ސޯޝަލް މީޑިއާ މެދުވެރިކޮށް، ރާއްޖޭގެ މުއްސަނދި ސަގާފަތާއި، ހިތްގައިމު ގުދުރަތީ ވަސީލަތްތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އާދަތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހާމަކުރާނެކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެ އެވެ.