މި ހިނގާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 70 ހާހަށް ވުރެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެގާރަ ވަނަ ދުވަހާއި ހަމައަށް 70،906 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 63،397 ފަތުރުވެރިންނެވެ. މި އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ 1،897،840 ފަތުރުވެރިންނެވެ. މިދިޔަ އަަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،728045 ފަތުރުވެރިންނެވެ. މިއީ 9.8 އިންސައްތައިގެ އިތުރުވުމެކެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އެ ގައުމުން އިއްޔެގެ ނިޔަލަށް ޒިޔާރަތްކޮށްފައިވަނީ 300،352 ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން ޒިޔާރަތްކޮށްފައިވަނީ 239،004 ފަތުރުވެރިންނެވެ. ތިންވަނަ އަށް ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން ޒިޔާރަތްކޮށްފައިވަނީ 168،597 ފަތުރުވެރިންނެވެ.
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މިދިޔަ އަހަރު ސަރުކާރުގެ އަމާޒަކަށް ވެފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން
