އޭޝިއާ ޕެސިފިކް ސަރަހައްދުގެ އެންމެ އިސް ސަފުގައި ހިމެނޭ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ވިޔަފާރި މައުރަޒު، ޕާޓާ ޓްރެވަލް މާޓުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަށައިފި އެވެ.
ވިޒިޓް މޯލްޑިވްސްއިން މިއަދު ހާމަކުރި ގޮތުގައި، މި މައުރަޒުގައި ރާއްޖެ ޕްރޮމޯޓްކުރެވެނީ އަހަރުގެ ހުރިހާ ދުވަހެއްގައި ޒިޔާރަތްކުރެވޭނެ އެންމެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައެވެ. އަދި މި އިވެންޓުގައި ބައިވެރިވުމަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވަރުގަދަކުރުމާއި، އެންމެ މަތީ ގިންތީގެ ފަތުރުވެރިކަމުގެ ޚިދުމަތްތައް ޕްރޮމޯޓްކުރުމުގެ ސްޓްރެޓެޖީގެ މުހިންމު ބައެއްކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މި މަހުގެ 26 އިން 28 އަށް ކުރިއަށްދާ މި މައުރަޒުގައި 60 އަށްވުރެ ގިނަ ޤައުމުތަކުން 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. މައުރަޒުގައި 30 އަށްވުރެ ގިނަ އެޕޮއިންޓްމަންޓް ސްލޮޓާއި ފުލް-ޑޭ ނޮލެޖް ފޯރަމް އެކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ.
ރާއްޖޭގެ ސްޓޯލުގައި ދަތުރުފަތުރުގެ ވިޔަފާރިވެރިންނާއެކު ވަކިވަކި ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މަންޒިލާ ބެހޭ މަޢުލޫމާތާއި ޕްރޮމޯޝަނަލް ތަކެތި ބެހުމާއި، މާކެޓުގެ އިންސައިޓްތަކާއި ޓްރެންޑްތައް ދެނެގަތުމަށް ވިޔަފާރީގެ ސަރވޭއެއް ވެސް ހެދޭނެއެވެ. އަދި ރާއްޖޭގެ ތަޖުރިބާ ދައްކުވައިދޭ ޕްރޮމޯޝަނަލް ވީޑިއޯއެއް ވެސް މައުރަޒުގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ޕާޓާ ޓްރެވަލް މާޓުގައި ބައިވެރިވުމުން ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ޖަމްޢިއްޔާތަކާއެކު ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކޮށްފައިވެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން
