ނެޓްފިލްކްސްގެ އެންމެ ކާމިޔާބު ޝޯގެ ރެކޯޑް މުގުރާލާފައިވާ ”ވަން ޕީސް“ ސީރީޒްގެ ތަރި ޓެޒް ސްކައިލާ، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
ސްޓްރޯ ހެޓް ޕައިރޭޓްސްގެ ފަންނުވެރި ކައްކާ ސަންޖީގެ ދައުރު އަދާކުރާ ސްކައިލާ، އޭނާގެ އެމްބެސެޑާޝިޕްގެ ތެރޭގައި ދިވެހިރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ހާއްސަކޮށް އެޑްވެންޗާ ފަތުރުވެރިކަމުގެ ފުރުސަތުތައް ޕްރްމޯޓްކުރުމުގައި ހަރަކާތްތެރިވާނެ އެވެ.
ސްކައިލާ 27 އޯގަސްޓު އިން 15 ސެޕްޓެމްބަރ 2025 އަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާނެ އެވެ. މި ދަތުރުގައި ދިވެހިރާއްޖޭގެ މަޖާ ކަންތައްތަކާއި ކެއުމުގެ ދާއިރާ ދުނިޔެއަށް ދައްކުވައިދޭ މާކެޓިން ހަރަކާތްތަކުގައި ބައިވެރިވާނެ އެވެ.
ނެޓްފްލިކްސްގެ ”ވަން ޕީސް“ ވަނީ އެ ސްޓްރީމިން ޕްލެޓްފޯމް ކުރިން ނުދެކޭ ފަދަ ކާމިޔާބީއެއް ހޯދާފަ އެވެ.
އެ ސީރީޒް ނެރުމާއެކު، 84 ގައުމެއްގައި އެންމެ ގިނައިން ބަލާ ޝޯއަށް ވެގެން ދިޔަ އެވެ. އެއީ ކުރިން ”ވެނިސްޑޭ“ އަދި ”ސްޓްރޭންޖަރ ތިންގްސް“ އިން ހޯދާފައިވާ ރެކޯޑުތައް މުގުރާލި ކާމިޔާބީއެކެވެ.
އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލާގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބޭ ކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތުދިފައިވެ އެވެ. މިފަދަ ނުފޫޒެއް އޮތުމުން، ވިޒިޓް މޯލްޑިވްސްއަށް އާ ބައިނަލްއަޤްވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން، ދިވެހީންގެ އާދަކާދައާއި، ރާއްޖޭގެ ކަލިނަރީ އަދި އެޑްވެންޗާ ފަތުރުވެރިކަމުގެ ވާހަކަތައް، ދިވެހިވަންތަކަމާއި ޝައުގުވެރިކަމާއެކު ދައްކުވާދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.