ޔޫކްރެއިން – ރަޝީޔާ ހަނގުރާމައާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވި ބައްދަލުވުން ވަކިކޮޅެއްގައި ނުޖެހި ނިންމާލައިފި އެވެ.
ޓްރަމްޕް އަދި ޕުޓިން ބައްދަލުކުރައްވާފަައިވަނީ އިއްޔެ އެމެރިކާގެ އެލެސްކާ ސްޓޭޓްގަ އެވެ.
ރަޝިޔާގެ ރައީސް ޕުޓިންއަށް އެލެސްކާގެ އަސްކަރީ ވައިގެބަނދަރުން ރަތްދޫލައިގައި މަރުހަބާ ދެންނެވީ އެމެރިކާގެ ރައީސް ޓްރަމްޕެވެ. މިއީ ޔޫކްރެއިން – ރަޝިޔާ ހަނގުރާމަ ފެށުނުފަހުން އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ރަޝިޔާގެ ރައީސް ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައި ވަނިކޮށް ޕުޓިން އެމެރިކާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރަށް ކުރިއަށްދިޔަ ދެ ރައީސުންގެ މި ބައްދަލުވުން ނިމިފައިވަނީ ލަފާކުރި ވަރަށްވުރެ އަވަހަށް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ބައްދަލުވުމަށްފަހު ދެ ރައީސުން މީޑިއާއާ ބައްދަލުކުރި ނަމަވެސް، މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ވަކި ކަމެއް ހާމަނުކޮށް ދެ ރައީސުންވެސް ބުނެފައިވަނީ ”ކުރިއެރުންތަކެއް“ ލިބިފައިވާ ކަމަށެވެ. ދެ ރައީސުން މީޑިޔާއާ ބައްދަލުކުރި ނަމަވެސް، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދީފައެއް ނުވެ އެވެ.
މީޑިއާއާ ބައްދަލުކޮށް ޓްރަމްޕް ވިދާޅުވީ، މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ނޭޓޯއަށް އަދި ޔޫކްރެއިންގެ ރައީސް ޒްލެންސްކީއަށް އަރުވާނެ ކަމަށެވެ.
މި ބައްދަލުވުމުން ކާމިޔާބު ލިބުނީ ޕުޓިންއަށް ކަމަށް ދޭހަވާކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިން-ރަޝިޔާ