ވެރިކަމުގެ ފަހު އަހަރު އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލީ، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށް ޔާމީން ވިދާޅުވެ ކުރެއްވި ތުހުމަތަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް މައުމޫންގެ އޮފީހުން ބުނެފި އެވެ.
ރައީސް މައުމޫންގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ’އަދަދު‘ ނޫހުން ގެނެސްދިން ޕްރޮގްރާމެއްގައި، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމުން ހައްޔަރުކުރީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދިނުމުން ކަމަށް ބުނެ ޔާމީން ދެއްކެވި ވާހަކަތަކަކީ މައުމޫންގެ ނަން ކިލަނބު ކުރުމަށް ދެއްކި ވާހަކަތަކެއް ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި 2018 ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތްކަމަށް ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ހަޑިމުޑުދާރު އެއްވެސް އަމަލެއް ރައީސް މައުމޫނު ދުވަހަކުވެސް ކުރައްވާފައިނުވާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، ކުރިންވެސް އަދި ޔާމީންގެ ވެރިކަމުގައި ވެސް އަދި އޭގެ ފަހުން ވެސް އެއްވެސް ފަނޑިޔާރަކަށް އެއްވެސް މީހަކަށް މައުމޫންގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެއްވެސް އެއްޗެއް ދުވަހަކު ވެސް ދީފައި ނުވާ ކަމަށެވެ.
ޔާމީންގެ ވާހަކަތަކަކީ ކުޑަވެސް ހަގީގަތެއް އެކުލެވިގެން ނުވާ ދޮގު ވާހަކަތަކެއް ކަމަށާއި ޔާމީންގެ ވާހަކަތަކަކީ ދށުދަރަޖައިގެ އަމަލެއް ކަމަށްވެސް ބުނެފައިވެ އެވެ. އެހެންކަމުން، ޔާމީންގެ މި ވާހަކަތަކާ ގުޅިގެން ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާއިމެދު ރައީސް މައުމޫނު ވިސްނަވަމުންގެންދަވާ ކަމަށްވެސް ބުނެފައިވެ އެވެ.
ޔާމީންގެ ވެރިކަމުގައި 2018 ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން، އޭރު ޖަލުގައި ތިބި ސިޔާސީ ފަރާތްތަކެއް މިނިވަންކުރުމަށް ނެރުނު އަމުރާ ގުޅިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައީސް މައުމޫން ހައްޔަރުކޮށް ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވެ އެވެ. އަދި މި މައްސަލައިގައި ރައީސް މައުމޫންގެ ފޯނު ފުލުހުންނަށް ނުދެއްވި ކަމަށް ބުނެ، އެއް އަހަރާއި ހަތް މަހުގެ މުއްދަތަށް ރައީސް މައުމޫން ޖަލަަށް ލުމަށްވެސް އޭރު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެ އެވެ.
2018 ގެ ރިޔާސީ އިންތިހާބުން ޔާމިން ބަލިވުމުން، އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން ރައީސް މައުމޫން މިނިވަންކުރެއްވި އެވެ. އަދި ފަހުން ހައިކޯޓުން ވަނީ ރައީސް މައުމޫން މިނިވަންކުރައްވާފަ އެވެ.