ނޮވެމްބަރު 3 ގެ ޝަރަފުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހާއްސަ އައްޑަނައެއް އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފައިވަނީ، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށާއި، ނޮވެންބަރު 3 ގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
މި އައްޑަނަތައް އެރުވުން އޮންނާނީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ. ޖަލްސާ ފެށޭނީ ހެނދުނު 9 ޖަހާއިރު ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.
ރައީސް މުއިއްޒު މިގޮތަށް ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސް މައުމޫން ކުރެއްވި ތައުރީފު ހައްޤު މަސައްކަތްޕުޅުތަކާއި ގުޅިގެންނެވެ. އަދި އެދުވަހުގެ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން 8 ބޭފުޅުން އަދި އާންމުންގެ ތެރެއިން 11 ބޭފުޅުން ޝަހީދުވި އެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވާހަކަފުޅު ދައްކަވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް މައުމޫން އަބްދުލްގައްޔޫމް
