އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާ ނިންމާލައިފި އެވެ.
މި ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ބަޖެޓަށް ބަހުސް ކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދިނުމަށެވެ. ބަޖެޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 60 މެންބަރުން ބައިވެރިވެވަޑައިގެން ވާހަކަދެއްކެވި އެވެ.
ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން ވަނީ މިއީ އުއްމީދީ ބަޖެޓެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި މި ބަޖެޓާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް، ބަހުސް ކުރެއްވި ބައެއް މެންބަރުން ވަނީ ބަޖެޓުގައި ހުރި ބައެއް ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ބަހުސް ނިމުމާއެކު، މިހާރު ދަނީ މަޖިލީހުގެ ކޮމިޓީތަކުން ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުގެ ފަރާތުން 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ.
2026 ވަނަ އަހަރު އަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ މި ހިނގާ 2025 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ 6.6 ޕަސެންޓްގެ އިތުރުވުމެކެވެ. 2026 ވަނަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭއިރު ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މީގެއިތުރުން އަންނަ އަހަރު ދައުލަތުގެ ބަޖެޓްގެ ޖުމުލަ ޚަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެކެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މި އަހަރާއި އަޅައިބަލާއިރު، ކެޕިޓަލް ޚަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާކޮށްފައިވެ އެވެ.
