ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމަށް މެންދުރުގެ ޚާއްސަ ކެއުމެއް ދެއްވައިފި އެވެ.
މި ކެއުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު ހޮޓެލް ޖެންގެ ބޯލްރޫމްގަ އެވެ. މި ހަފްލާގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ދެ ޤައުމުގެ ކުޅިވަރުގެ ގުޅުން ބަދަހިކުރުމަށް ވެސް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ބައްދަލުކުރެއްވުމުގައި ފަލަސްތީނު ޓީމުން ވަނީ ރާއްޖެއިން އެ ޓީމަށް ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކޮށްފަ އެވެ. އެ ޓީމުން ފާހަގަކުރި ގޮތުގައި، ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުގެ ސަބަބުން ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުޞަތު ދެއްވާ ޓްރޭނިންތައް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ހަނދާނުން ފޮހެވޭނެ ކަމެއް ނޫނެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މި މަގު ފަހިކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އައީ ތަމްރީނު ކޭމްޕެއްގައި ބައިވެރިވުމަށެވެ. މި ކޭމްޕަކީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ކޭމްޕެކެވެ.
މި ދަތުރުގެ ތެރޭގައި ފަލަސްތީނާ ރާއްޖެ އާ ވަނީ އެކުވެރިކަމުގެ ދެ މެޗެއް ވެސް ކުޅެފައެވެ. މި ދެ މެޗަށް ސްވެނިއާ ޓިކެޓުތަކެއް ވިއްކާފައިވާއިރު، މި ޓިކެޓުތައް ވިއްކައިގެން ލިބުނު ފައިސާ ވަނީ ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ހަދިޔާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ - ފަލަސްތީން
