އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ އާ ވެރިޔާއާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައްދަލުކޮށްފި އެވެ.
އެފްއައިޔޫގެ ވެރިޔާ އިސްމާއިލް ސާޖިދުއާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން އޭސީސީން ބުނެފައިވަނީ މި ބައްދަލުވުމަކީ ތައާރަފް ވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުކުރުމުގައި އެފްއައިޔޫ އަދި އޭސީސީއާ ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް އޭސީސީން ބުނެފައިވެ އެވެ.
އެފްއައިޔޫގެ ވެރިއެއްގެ މަޤާމުގައި ހުންނެވި އަބްދުﷲ އަޝްރަފް، އެ އިދާރާގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށް ސާޖިދު އެ މަގާމަށް އައްޔަނު ކޮށްފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅިގެން ހިންގާފައިވާ މާލީ މުއާމަލާތްތަކާ ގުޅިގެން އެފްއައިޔޫއިން ތައްޔާރުކުރިކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އެފްއައިޔޫއިން ތައްޔާރުކޮށްފައިވާ ކަމަށް ބުނާ މި ރިޕޯޓުގައި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އޭނާއާ ގުޅުންހުރި އިތުރު ކުންފުނިތަކަކުން ހިންގާފައިވާ މުއާމަލާތްތަކުގެ ތަފްސީލު ހިމެނެ އެވެ.