ކާރިސާތަކާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން ”ހުޝިޔާރު“ ނަމުގައި ޚާއްޞަ ވެބްސައިޓެއް ތަޢާރަފުކޮށްފި އެވެ.
ބައިނަލްއަގުވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޑީއެމްއޭއިން އިސްނަގައިގެން ބޭއްވި ”ވިލުންތެރި ފެސްޓު“ ގައި ތަޢާރަފުކުރި މި ވެބްސައިޓަކީ، ކާރިސާތަކާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ.
’ހުޝިޔާރު“ އިން ރައްކާތެރިކަމާ ގުޅޭ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޑައުންލޯޑްކުރެވޭ ޕޯސްޓަރުތަކާއި، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ފަންނީ މަޢުލޫމާތު ލިބެން ހުންނާނެ ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތު ދީފައިވެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ވެބްސައިޓް ފަސް ބަހަކުން ބޭނުންކުރެވޭނެ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެ އެވެ.
ޔޫއެންޑީޕީގެ ފަންޑިން ވިންޑޯ މެދުވެރިކޮށް ޑެންމާކް، ލަކްސެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުތަކުން ދެއްވި އެހީގެ ދަށުން ތަރައްގީކޮށްފައިވާ މި ވެބްސައިޓަކީ ކާރިސާތަކާ ގުޅޭ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ލިބޭނެ ފުރަތަމަ ވެބްސައިޓް ކަމަށްވާތީ، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)