މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަދި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ އެކު ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެމްއެމްއޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަހްމަދު މުނައްވަރު އެވެ. އަދި އައިއައިޔޫއެމްގެ ފާރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ރެކްޓަރު ޕްރޮފެސަރު އެމެރިޓަސް ދަތުކް ޑރ. އޮސްމާން ބަކަރު އެވެ.
މީގެ އޮތުރުން، އެމްއެންޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރު އާއިޝަތު ޝެހެނާޒް އާދަމް އެވެ.
އެމްއެމްއޭއިން ބުނީ، މި އެއްބަސްވުމުގެ ސަބަބުން މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ފުރިހަމަ އޮނިގަނޑެއް ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެ ދެ މުއައްސަސާއާ ވަކިވަކިން ސޮއި ކުރީ ތަމްރީނު ޕްރޮގްރާމްތަކާއި އިންޓާންޝިޕް ފުރުސަތުތަކަށް އެއްބާރުލުން ދޭނެ ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެ އެވެ.
މީގެ އިތުރުން، މަނިޓަރީ ސިޔާސަތު، މާލީ ހަރުދަނާކަން އަދި ފިންޓެކް ކުރިއެރުންތަކާ ގުޅޭ ގޮތުން އެމްއޯޔޫގެ ބައިވެރިން އެކުގައި ދިރާސާކުރުމަށް ވެސް އިސްކަންދޭ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
މި ދެ އެމްއޯޔޫގެ ސަބަބުން އިސްލާމީ މާލީ ދާއިރާގައި ހާއްސަ ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލުންގެ އަދަދު އިތުރުވާނެ ކަމަށާއި، ރާއްޖޭގެ މާލީ ރެގިއުލޭޓަރީ އޮނިގަނޑު ހަރުދަނާވެ، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަވާނެ ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެ އެވެ.