ޕޭޕާލް މެދުވެރިކޮށް އިންވާޑް ރެމިޓެންސް ލިބުމުގެ ހުއްދަ ރަސްމީކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުރީދޫ ފިންޓެކްއަށް ދީފި އެވެ.
މި ހުއްދައިގެ ލައިސަންސް އެމްއެމްއޭގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ފިންޓެކްއާ ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. މި ލައިސެންސާއި އުރީދޫގެ ފަރާތުން ހަވާލުވީ އުރީދޫ މޯލްޑިވްސްގެ ޗެއާވޮމަން އަދި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެންބަރު ފާތިމާ އަލް ކުވާރީއާއި އުރީދޫ މޯލްޑިވްސް އަދި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ.
އުރީދޫން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހުއްދަ ލިބުމުގެ ސަބަބުން އާންމުންނާއި ފްރީލާންސަރުންނާއި ކުދި ވިޔަފާރިތަކާއި އާމްދަނީއާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕެލް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިތުރުން، އެމް-ފައިސާ ވޮލެޓަށް ފައިސާ ސީދާ ލިބުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެ އެވެ.
”މި ލައިސަންސްގެ ސަބަބުން އެމްއެމްއޭ އިން ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އުރީދޫން ދޭ އަހައްމިއްޔަތަށް އިތުރު ބާރެއް ލިބިގެންދާނެ،“ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
އުރީދޫން ބުނެފައިވާ ގޮތުގައި ޕޭޕެލްގެ ޚިދުމަތް، އެ ކުންފުންޏާ ގުޅިގެން އަންނަ އަހަރު ރާއްޖެއަށް ތައާރަފު ކުރެވޭނެ އެވެ. އަދި މިހާރު ކުރަމުން އަންނަނީ އެ ކުންފުންޏާއެކު ހަދާ ޕާޓްނާޝިޕްގެ ތަފުސީލް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.