މިއަދު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓު ކަނޑާލާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ކަރަންޓު ކަނޑާލަނީ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަކަށެވެ. އެގޮތުން މިއަދު ހެނދުނު 10:00 އާއި 10:45 އާ ދެމެދު މާލޭގެ މަޖީދީ މަގު، ރަށްދެބައި މަގު، އަލިކިލެގެފާނު މަގު އަދި ދަނބުރުށް ގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑޭނެ އެވެ. އަދި މެންދުރު 14:00 އާއި 14:45 އާ ދެމެދު ވަޔޮލެޓް ހިނގުން، ވަޔޮލެޓް މަގު، ބޮޑުތަކުރުފާނު މަގު، އަބަދަށް އުފާ މަގު، ގުލިސްތާނު ގޯޅި، ހިޔަލީ ގޯޅި، ތަނޑިރަތްމާ ގޯޅި އަދި ދޮންހުރާ ގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑޭނެ އެވެ.
ހުޅުމާލޭގައި ވެސް މާދަމާ އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ. މިގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގު، މިދިލި މަގު އަދި އަސުރުމާ ހިނގުން ހިމެނޭ ސަރަހައްދުން މެންދުރުފަހު 14:00 އާއި 14:30 އާ ދެމެދު ކަރަންޓު ކެނޑޭނެ އެވެ. އަދި ރަބަރުގަސް މަގު އަދި ރަބަރުގަސް މަގު ގޯޅި 4 އަދި 5 ހިމެނޭ ސަރަހައްދުން ހެނދުނު 10:00 އާއި 12:00 އާ ދެމެދު ކަރަންޓު ކެނޑޭނެ އެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން މައާފަށް އެދިފައިވެ އެވެ. އަދި މި މަސައްކަތަކީ ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.