ރާއްޖޭގެ ރަސްމީ ރިޒާވް 859 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 859.46 މިލިއަން ޑޮލަރަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ އޮގަސްޓް މަހާ އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ރަސްމީ ރިޒާވްގެ އިތުރުން ސެކިއުރިޓީސް އިންވެސްޓްމަންޓާއި އެހެނިހެން އެސެޓުގެ ގޮތުގައި 116.64 މިލިއަން ޑޮލަރު ހުރި ނަމަވެސް، ކުރު މުއްދަތުގައި ދައްކަންޖެހޭ ބޭރު ފައިސާގެ ޕޭމެންޓްތައް 781.75 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފަ އެވެ. އޮގަސްޓް މަހު މި އަދަދު ހުރީ 738.63 މިލިއަން ޑޮލަރުގަ އެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި 194.35 މިލިއަން ޑޮލަރު ހުރިއިރު، މިއީ އޮގަސްޓް މަހާ އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ. މަރުކަޒީ ބޭންކުން ފާހަގަކުރާ ގޮތުގައި ރިޒާވުގެ ހާލަތު ރަނގަޅުވެފައިވަނީ ޑޮލަރު މާރުކުރުމާއި އެމްއެމްއޭއިން އެޅި އިތުރު ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އަހަރުގެ މިހާތަނަށް ބޭނުން ކުރެވޭ ރިޒާވަށް އައި ބަދަލުތައް:

  • ޖެނުއަރީ: 116 މިލިއަން ޑޮލަރު
  • ފެބްރުއަރީ: 179 މިލިއަން ޑޮލަރު
  • މާޗް: 170 މިލިއަން ޑޮލަރު
  • އޭޕްރީލް: 171 މިލިއަން ޑޮލަރު
  • މޭ: 218 މިލިއަން ޑޮލަރު
  • ޖޫން: 203 މިލިއަން ޑޮލަރު
  • ޖުލައި: 213 މިލިއަން ޑޮލަރު
  • އޮގަސްޓް: 188 މިލިއަން ޑޮލަރު
  • ސެޕްޓެމްބަރު: 194 މިލިއަން ޑޮލަރު

ރާއްޖޭގެ ރިޒާވް ހަރުދަނާކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބޭރުފައިސާގެ އައު ގާނޫނުގެ ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ރިޒާވް ވަރުގަދަ ކުރުމަށް ބޭނުންކުރުން ހިމެނެ އެވެ. އަދި ސާކް ފްރޭމްވޯކްގެ ދަށުން ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ސަބަބުން ވެސް ރިޒާވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

މަރުކަޒީ ބޭންކުން ފާހަގަކުރާ ގޮތުގައި، ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އެންމެ ބޮޑު އަދަދުތައް ދައްކަން ޖެހޭނީ މިއަހަރާއި އަންނަ އަހަރު އެވެ. އެހެންކަމުން ބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރުމަކީ މި ލޯނުތައް ދެއްކުމަށް ބޮޑު ލުޔަކަށްވެފައި މާލީ ސާބިތުކަން އިތުރުވާނެކަމަކަށް ވާނެކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ