ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް، ޒަކާތުގެ ބިލު ހުށަހަޅައިފި

Advertisement

އެންމެ ފަސް

Advertisement

ފިތުރު ޒަކާތް އަދި މުދަލު ޒަކާތް ދެއްކުން ލާޒިމުވުމުގެ ޝަރުތުތައް ފުރިހަމަވާ ކޮންމެ ފަރާތަކުން ފިތުރު ޒަކާތް އަދި މުދަލު ޒަކާތް ދައްކަންވާނެ ކަމަށް ބަޔާންކޮށް ޒަކާތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ޒަކާތުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު އެވެ.

މި ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، އިސްލާމީ ޝަރިއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަޤްސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެމަތިން، ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ކަނޑައަޅައި، އެ ނިޒާމު ހިންގުމާބެހޭ ހަމަތަކާއި އުސޫލުތައް ބަޔާން ކުރުން ކަމަށެވެ.

ޒަކާތުގެ ބިލުގައި ބުނެފައިވަނީ، މި ޤާނޫނުގެ ދަށުން ފިތުރު ޒަކާތް އަދި މުދަލު ޒަކާތް ދެއްކުމަށް ލާޒިމުވުމުގެ ޝަރުތުތައް ފުރިހަމަވާ ކޮންމެ ފަރާތަކުން މި ޤާނޫނާއި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، ދައުލަށް ފިތުރު ޒަކާތް އަދި މުދަލު ޒަކާތް ދައްކަންވާނެ ކަމަށެވެ. ފިތުރު ޒަކާތް އަދި މުދަލު ޒަކާތް ދައްކާ ފަރާތުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް އަދި ޒަކާތް ދެއްކުން ލާޒިމު މުދަލުގެ ތަފްސީލު މި ބިލުގައި ހިމަނާފަ އެވެ. އަދި މުދަލު ޒަކާތް ދެއްކުން އިސްތިސްނާވާ މުދަލާއި ޒަކާތުގެ ނިޒާބު ކަނޑައަޅާނެގޮތް ބަޔާންކޮށްފައިވެ އެވެ.

މި ބިލުގައި ބުނެފައިވަނީ، މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާފައިވާ ފައިސާ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސް ބިނާކުރެވޭ އާމްދަނި ހިސާބުކުރުމުގައި، އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އުނިކުރެވިދާނެ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގައި ޒަކާތުގެ ނިޒމުު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށާއި، އެ ނިޒާމު ވިލަރެސް ކުރުމަށް، ޒަކާތުގެ ކައުންސިލްގެ ނަމުގައި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އެކުލަވާލަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. މި ކައުންސިލް އެކުލެވިގެންވަނީ، އިސްލާމިކް މިނިސްޓަރާއި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް، އެމްއެމްއޭގެ އިސް މުވައްޒަފެއް، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސް މުވައްޒަފެއް، މާލިއްޔަތާބެހޭ ވުޒާރާގެ އިސް މުވައްޒަފެއް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރެއް، އިސްލާމިކް މިނިސްޓަރު ކަނޑައަޅާ އެ މިނިސްޓްރީގެ އިސް މުވައްޒަފެއް އަދި ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއްކަމުގައި ނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ދެ މެންބަރުންގެ މައްޗަށެވެ.

ޒަކާތުގެ ބިލްގައި ބުނެފައިވަނީ، ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުއީ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި، ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް، މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2026 އިން ފެށިގެން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު މޯލްޑިވްސް ޒަކާތު ހައުސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ