ސްޕެޝަލް އެކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ މަޝްރޫއުއެއްގެ ގޮތުގައި ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ކުރިއަށްގެންދަންއުޅުނު ފ. އަތޮޅުގެ މަޝްރޫއު އިދިކޮޅު އެމްޑީޕީން ހުއްޓުވިގޮތަށް އެފަދަ މަޝްރޫއުތައް ދެން އެމްޑީޕީއަށް ނުހުއްޓުވޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ޝުޖާއު ހުށަހެޅުއްވި އިސްލާހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ފ. އަތޮޅުގައި ވަރުގަދަ މަޝްރޫއެއް ކުރިއަށްގެންދަން އުޅުނުކަން ފާހަގަކުރައްވާފަ އެވެ. ޝުޖާއު ވިދާޅުވީ، އެ މަޝްރޫއު ކާމިޔާބުވިނަމަ ރާއްޖެއަށް އާމްދަނީގެ ގޮތުގައި ބޮޑު އެއްޗެއް ލުބުނީސް ކަމަށެވެ.
ނަމަވެސް އެ މަޝްރޫއު ހުއްޓުވީ އޭރުގެ އިދިކޮޅުގައި ތިބެ އެމްޑީޕީންކަން ޝުޖާއު ފާހަގަކުރެއްވި އެވެ. ޝުޖާއު ވިދާޅުވީ މި ސަރުކާރުން އަލުން ޖެހިފައިވަނީ އެ މަސައްކަތްތައް ފައްޓަން ކަމަށާއި އަދި މިއީ ގައުމު އާރާސްތުކޮށް، ފަތުުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ މަސައްކަތެއް ކަމަށެވެ.
ރައްޔިތުންނަށް ލިބޭ މަންފާ އިތުރު ކުރުމުގެ މި މަޝްރޫއު ދެން އެމްޑީޕީއަށް ނުހުއްޓުވޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާފައިވަނީ ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަން އިކޮނޮމިކް ޒޯން ކަނޑައެޅުމުގެ ޖާގަ ފަހިކުރުމަށެވެ.
މި އިސްލާހުގައި ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ބުނެފައިވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި އެސްއީޒެޑް ގާނޫނުގައި ބަޔާންކޮށްފައިވާ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރެވޭ ލާޖް ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭގޮތުން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށެވެ.
ސަސްޓެއިނަބަލް ޓައުންޝިޕްއެއް ތަރައްގީކުރުމަށް ހުއްދަ ދެވޭނީ އެ ޒޯންގައި ކުރާ އިންވެސްޓްމަންޓަކީ 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށްވާނަމަ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެތަނަކީ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޒޯނަކަށް ވާންވާނެ ކަމަށް ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް އިބްރާހިމް ޝުޖާއު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)