އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އަހާފައިވެ އެވެ.
އެގޮތުން މި ބިލް މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓްކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި، ރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތަކީ އެންމެނަށް ވާސިލުވެވޭނެ، ރައްކާތެރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތަކާއި އެނޫންވެސް ކަމާގުޅޭ އެންމެހައި އުސޫލުުތައް ބަޔާންކުރުން ކަމަށެވެ.
މި ބިލްގައި ބުނެފައިވަނީ، ރާއްޖޭގައި ކުރުމަށް ހުއްދަދެވޭނީ ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް ކަމަށާއި ރާއްޖޭގައި ޑިޒީސްޑް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް ކުރުން ހުއްދަ ނޫން ކަމަށެވެ.
ޓްރާންސްޕްލާންޓްކުރެވޭނެ ގުނަވަންތަކުގެ ގޮތުގައި ބިލްގައި ބުނެފައިވަނީ، އެއްވައްތަރުގެ ދެ ގުނަވަން ހުންނަ ގުނަވަނާއި، އެ ގުނަވަނުން ބައެއް ނެގިނަމަވެސް، ރީޖެނެރޭޓްވާ ގުނަވަންތަކެވެ. އަދި މީހެއްގެ އޯވަރީއެއް ނުވަތަ ޓެސްޓިކަލްއެއް ޓްރާންސްޕްލާންޓެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން މި ބިލުގައި ބުނެފައިވަނީ، ގުނަވަން ހަދިޔާކުރާ ފަރާތުން ގުނަވަން ބަދަލުކުރުމުގެ މުގާބިލުގައި ނުވަތަ ގުނަވަން ބަދަލުކުރުމުގެ މުގާބިލުގައި ކަމަށް ބެލެވޭނެފަދަ ގޮތެއްގައި، ގުނަވަން ލިބިގަންނަ ފަރާތުގެ ކިބައިން ނުވަތަ އެފަރާތާ ގުޅުންހުރި ފަރާތެއްގެ ކިބައިން ނުވަތަ އެ ނޫންވެސް ތިންވަނަ ފަރާތެއްގެ ކިބައިން، މާލީ އެއްވެސް މަންފާއެއް ލިބިގަތުމަކީ ނުވަތަ އެފަދަ މަންފާއެއް ލިބިގަތުމަށް ހުށަހެޅުމަކީ މަނާކަމެއް ކަމަށެވެ. އަދި އެފަދަ މަންފާއެއް ދިމަކީ ނުވަތަ އެފަދަ މަންފާއެއް ދިނުމަށް ހުށަހެޅުމަކީވެސް މަނާކަމެއް ކަމަށް ބުނެފައިވެ އެވެ.
މި ޤާނޫނަށް އަމަލުކުރަންފަށާތާ 60 ދުވަހުގެ ތެރޭގައި ”އޯގަން ޓްރާންސްޕްލާންޓް ކައުންސިލް“ ގެ ނަމުހައި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.