ލ. ފޮނަދޫގެ ފަޅުތެރެއިން 30 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 144 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރެއިން އެއާޕޯޓުގެ ބޭނުމަށް 114 ހެކްޓަރު އަދި ރަށުގެ ބޭނުމަށް 30 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ރޭވިފަ އެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލް އާއެވެ.
މި މަޝްރޫޢަކީ 36 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މި މަޝްރޫޢު ނިމުމުން ފޮނަދޫގެ ބިމުގެ ބޮޑުމިން އިތުރުވެ، އެއާޕޯޓާއި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.