މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ 3 މެންބަރުންނަަށް މަޖިލީހުން ރުހުން ދީފި އެވެ.
މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖުމުލަ 10 ފަރާތަކުން ކުރިމަތިލާފައިވެ އެވެ. އެ ފަރާތްތަކާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު މާކްސްދިންއިރު %75 އަށްވުރެ މަތިން މާކްސް ލިބިފައިވަނީ 3 ފަރާތަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ތިން ބޭފުޅުންނަށް ވަނީ ރުހުން ދީފަ އެވެ،
މީޑިއާ ކޮމިޝަނަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފައިވަނީ:
- މުހައްމަދު ފަރުސަތު / ހ. ޓޫހަރޓްސް ؛ ފެންނަ ކަމަށް 54 މެންބަރުން، ނުފެންނަ ކަމަށް 9 މެންބަރުން
- ސަފާ ޝަފީގު / ބިއްލޫރިވިލާ، ދ.މީދޫ ؛ ފެންނަ ކަމަށް 54 މެންބަރުން، ނުފެންނަ ކަމަށް 9 މެންބަރުން
- އާމިނަތު ސަރާހަތު އިއްޒަތު / ގ. ގޮފި ؛ ފެންނަ ކަމަށް 54 މެންބަރުން، ނުފެންނަ ކަމަށް 9 މެންބަރުން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މީގެ ތެރެއިން 4 މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަންކުރެވޭއިރު، 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން މިހާރު ވަނީ ހޮވިފަ އެވެ. މިގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދު ހޮވިފައިވާއިރު، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފް ވަނީ ހޮވިފަ އެވެ.
ރައްޔިތުންގެ މަޖިލިސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން