ޝުޖާއުގެ ކުންފުނިތަކާ ގުޅޭ މައްސަލަ މިދިޔަ އަހަރުން ފެށިގެން މިދަނީ ބަލަމުން: އޭސީސީ

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބެލެވޭ މުޢާމަލާތްތަކާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ތައްޔާރުކުރި ރިޕޯޓުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޝުޖާއުގެ ކުންފުނިތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ އެފްއައިޔޫއިން ނެރުނު ރިޕޯޓުގެ މައްސަލަ ބަލަމުންދާކަން އޭސީސީގެ މީޑިއާ އޮފިޝަލް ވަނީ ޖަވިޔަނި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

އޭސީސީން ބުނީ މި މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަލަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ފުލުހުންވެސް އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ރިޕޯޓުގައި ހިމެނެނީ ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި ޝުޖާއުއާ ގުޅުން އޮންނަ އިތުރު ކުންފުނިތަކަކުން ހިންގާފައިވާ މުޢާމަލާތްތަކުގެ ތަފްސީލެވެ. އެހެންނަމަވެސް، މި ރިޕޯޓުގެ ސައްޙަކަމާމެދު ޝުޖާއު ވަނީ ސުވާލު އުފައްދަވާފަ އެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު މުޢާމަލާތްތަކުގެ ތެރޭގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅިގެން ސިވެކަށް ލިބުނު 23 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސްއަށް ޖަމާކުރިކަން ހިމެނެ އެވެ. މީގެ އިތުރުން، ހަމަ މި އިވެންޓާ ގުޅިގެން ޑީކިއު ހޯލްޑިންގްސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރިކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ ބޭނުންކޮށްފައިވަނީ ރެއިންބޯއިން ތަރައްޤީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓް ގަތުމަށް ކޮމިޓްމަންޓް ފީގެ ގޮތުގައި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. މި އެޕާޓްމަންޓްތަކުގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ 20 މިލިއަން ރުފިޔާ އެވެ.

މި މައްސަލައާ ގުޅިގެން ފާހަގަކުރެވޭ އެއް ކަމަކީ، މި ރިޕޯޓު އާންމުވުމާ ގުޅިގެން އެފްއައިޔޫގެ ވެރިޔާ އަބްދުﷲ އަޝްރަފް އެ މަޤާމުން ވަކިކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިވާކަމެވެ. އަދި އެހެން ބޭފުޅަކާ ވަނީ ޔުނިޓް ހިންގުން ހަވާލުކޮށްފަ އެވެ. އެނގިފައިވާގޮތުގައި އެ ޔުނިޓް ހިންގުން ހަވާލުކޮށްފައިވަނީ އިސްމާއިލް ސާޖިދުއާ އެވެ.

އިބްރާހިމް ޝުޖާއު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެމްއެމްއޭ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ