ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް ބެލެވޭ މުޢާމަލާތްތަކާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން ތައްޔާރުކުރި ރިޕޯޓެއްކަމަށް ބުނާ ރިޕޯޓަކާ ގުޅިގެން ފުލުހުން ތަޙުޤީޤެއް ފަށައިފި އެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި މި ރިޕޯޓުގައި ހިމެނެނީ ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި ޝުޖާއުއާ ގުޅުން އޮންނަ އިތުރު ކުންފުނިތަކަކުން ހިންގާފައިވާ މުޢާމަލާތްތަކުގެ ތަފްސީލެވެ. އެހެންނަމަވެސް، މި ރިޕޯޓުގެ ސައްޙަކަމާމެދު ޝުޖާއު ވަނީ ސުވާލު އުފައްދަވާފަ އެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު މުޢާމަލާތްތަކުގެ ތެރޭގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅިގެން ސިވެކަށް ލިބުނު 23 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސްއަށް ޖަމާކުރިކަން ހިމެނެ އެވެ. މީގެ އިތުރުން، ހަމަ މި އިވެންޓާ ގުޅިގެން ޑީކިއު ހޯލްޑިންގްސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރިކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ ބޭނުންކޮށްފައިވަނީ ރެއިންބޯއިން ތަރައްޤީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓް ގަތުމަށް ކޮމިޓްމަންޓް ފީގެ ގޮތުގައި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. މި އެޕާޓްމަންޓްތަކުގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ 20 މިލިއަން ރުފިޔާ އެވެ.
މި މައްސަލައާ ގުޅިގެން ފާހަގަކުރެވޭ އެއް ކަމަކީ، މި ރިޕޯޓު އާންމުވުމާ ގުޅިގެން އެފްއައިޔޫގެ ވެރިޔާ އަބްދުﷲ އަޝްރަފް އެ މަޤާމުން ވަކިކޮށް، އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިވާކަމެވެ. އަދި އެހެން ބޭފުޅަކާ ވަނީ ޔުނިޓް ހިންގުން ހަވާލުކޮށްފަ އެވެ. އެނގިފައިވާގޮތުގައި އެ ޔުނިޓް ހިންގުން ހަވާލުކޮށްފައިވަނީ އިސްމާއިލް ސާޖިދުއާ އެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަން ފުލުހުންގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވާފައިވީ ނަމަވެސް، އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
މީގެއިތުރުން، މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗްޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯ ފަދަ ސަރުކާރުގެ ކުންފުނިތަކުން ވެސް އޮފިޝަލް އިވެންޓްސްއަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާކަން ރިޕޯޓުން ހާމަވެ އެވެ.