އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓެކޭ އެއްފަދައިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބަޖެޓް ވެސް ރައްޔިތުންގެ މަޖިލީހަށް ވަކިން ހުށަހަޅައި ފާސްކުރާ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކުރުމާ ގުޅޭ ގޮތުން އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް މަޖިލީހުގައި ކުރެވުނު ބަހުސްގައި ވާހަކަދައްކަވަމުންނެވެ. ޝުޖާއު ވިދާޅުވީ، އޭސީސީގެ ބަޖެޓް މަޖިލީހުން ފާސްކުރާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ކަމަށެވެ.
”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ގާނޫނުއަސާސީއަށް އެބަ އިސްލާހެއް އަންނަން ޖެހޭ. އެ އިސްލާހުގައި ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބަޖެޓަކީ ވެސް ގާނޫނުއަސާސީގައި ވަކިން ފާސްކުރަން ޖެހޭ ބަޖެޓެއްގެ ގޮތުގައި އޮންނަން އެބަ ޖެހޭ،“ ޝުޖާއު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ކޮރަޕްޝަނުގެ ތުހުމަތު އަބަދުވެސް އަޅުވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮލުގައި ނަމަވެސް، ކޮރަޕްޝަނުގެ ވަބާ އޮންނަނީ މުޅި ދައުލަތުގެ ތެރޭގަ އެވެ. އަދި މަޖިލިސް މެންބަރުންނަކީ ކޮރަޕްޓް ބައެއްގެ ގޮތުގައި ދިވެހިންނަށް ވިސްނައިދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާން އާންމުކުރަން ކެރިވަޑައިގަންނަވާ އިރު، ކޮރަޕްޝަނާ ދެކޮޅަށް ރަނގަޅު މަސައްކަތެއް ކުރެވޭނީ އެހެން މުއައްސަސާތަކުގެ ވެރިންނަށް ވެސް މާލީ ބަޔާން ހާމަކުރަން ކެރިވަޑައިގަންނަވާ ހިސާބުން ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ކޮރަޕްޝަން އިބްރާހިމް ޝުޖާއު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް