އެމްއައިބީގެ ފައިދާ 30 ޕަސެންޓަށް އިތުރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 183 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވާ ކަމަށް އެ ބޭންކުން ނެރުނު ކުއާޓަލީ ރިޕޯޓުން ދައްކައިފި އެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު 30 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެމްއައިބީގެ ދެވަނަ ކުއާޓާގެ ހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި 96 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މުޅި ހަ މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 419 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 25 ޕަސެންޓު އިތުރު އަދަދެކެވެ.

ބޭންކުގެ އެސެޓް ބޭސް އަދި ޑިޕޮސިޓް ބޭސްއަށްވެސް ވަނީ ފާހަގަކުރެވޭ ކުރިއެރުމެއް ލިބިފަ އެވެ. ދެވަނަ ކުއާޓާގައި ބޭންކުގެ އެސެޓް ވެލިއު 13 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޑިޕޮސިޓް ބޭސް 11 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. މީގެއިތުރުން، ދެވަނަ ކުއާޓަރު ނިމުނުއިރު 6 ބިލިއަން ރުފިޔާގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފަ އެވެ.

ޑިޖިޓަލް ބޭންކިންގ ޚިދުމަތްތަކަށް ބަލާއިރު، އިންޓަނެޓް އަދި މޮބައިލް ބޭންކިންގ މުއާމަލާތްތަކުގެ އަދަދު 12 މިލިއަނުން 15 މިލިއަނަށް އިތުރުވެފައިވާއިރު، ކާޑު މުއާމަލާތްތައް 1.89 މިލިއަނުން 2.29 މިލިއަނަށް އިތުރުވެފައިވެ އެވެ.

އެމްއައިބީން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ބޭންކުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބޭންކަށް ނުގޮސް ވަގުތުން އެކައުންޓް ހުޅުވުމާއި އެހެނިހެން ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ