މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރު 2:00 ގައި ފަހިވޯޓު މެދުވެރިކޮށެވެ.
އެމްއައިބީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް އެކަންޏެވެ. އަދި ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އޮންނާނެ އެވެ.
ހިއްސާދާރުންނަށް އަމިއްލައަށް ބައިވެރިނުވެވޭ ހާލަތުގައި ޕްރޮކްސީއެއް މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. ޕްރޮކްސީގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީވެސް އަންނަ މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެމްއައިބީން ހުށަހަޅާ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 4.58 ރުފިޔާ ބެހުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކަކީ އެމްއައިބީ އެވެ. މި ބޭންކުން ފާއިތުވި އަހަރުތަކުގައިވެސް ވަނީ ހިއްސާދާރުންނަށް ފައިދާ ބަހަމުން އައިސްފަ އެވެ.
