ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑަރެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ބޭންޑު ’ޓޫ އޮފް އަސް‘ ހަމަޖައްސައިފި އެވެ.
މިއީ ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމްގެ ދަށުން އައްޔަންކުރެވޭ ފުރަތަމަ އެމްބެސެޑަރެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިކަން އިއުލާންކުރަމުން ބުނެފައިވަނީ، މި ޕްރޮގްރާމް ތައާރަފްކުރެވުނީ ދިވެހި ފަންނާނުންނާއި އުފެއްދުންތެރިން ޝާމިލުކޮށް ބާރުވެރިކުރުވުމަށް ޓަކައިކަމަށެވެ. އަދި މިއީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައިވެސް ފާހަގަކޮށްފައިވެ އެވެ.
’ޓޫ އޮފް އަސް‘ އަކީ މި އަހަރު ބޭއްވުނު އިންޑިއާގެ ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް މުބާރާތުން ތިންވަނަ ހޯދައި، ގައުމީ ފެންވަރުގައި މަޝްހޫރުވެފައިވާ ބޭންޑެކެވެ. މީގެއިތުރުން، މި ބޭންޑަށް ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ޓެލެންޓް ޝޯތަކުގެ ތެރެއިން އެއް ޝޯ ކަމަށްވާ ބްރިޓަންސް ގޮޓް ޓެލެންޓުގެ 19 ވަނަ ސީޒަންގެ އޮޑިޝަންތަކަށްވެސް ދައުވަތު ލިބިފަ އެވެ.
ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ފަންނާނުންގެ އުފެއްދުންތެރި މަސައްކަތްތަކާއި، ފަންނީ އުފެއްދުންތައް ބައިނަލްއަޤްވާމީ މައިދާނުގައި ދައްކުވައިދިނުމެވެ. މީގެ އިތުރުން ދިވެހި ސަގާފަތާއި، ތަރިކައާއި، އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކާ ހިއްސާކުރުމަށް މަގުފަހިކުރުމެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެ ފަރާތްތަކަށް ފެންނަން ހުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ފާހަގަކޮށްފަ އެވެ.
މިއީ ރާއްޖޭގެ އުފެއްދުންތެރި ފަންނާނުންނަށް އެމީހުންގެ އުފެއްދުންތައް ދުނިޔޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ ފުރުސަތެއްގެ ގޮތުގައި އެމްއެމްޕީއާރްސީން ފާހަގަކޮށްފައިވެ އެވެ.
ވިޒިޓް މޯލްޑިވްސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)