މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 123,732,662 ރުފިޔާ އަނބުރާ ހޯދުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން މިއަދު ޔާނުގައި ބުނެފައިވާ ގޮތުގައި އޭސީސީއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރިއަށްގެންދާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން 161 މައްސަލަ ތަޙުޤީޤުކޮށް ނިންމާފައިވާއިރު އެ މައްސަލަތައް މިހާރު އޮތީ ގޮތް ނިންމުމުގެ މަރުހަލާގަ އެވެ.
މި ވަގުތު އިތުރު 37 މައްސަލައެއްގެ ތަޙުޤީޤު ކުރިއަށްދާއިރު، 15 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދާކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީން އިތުރަށް ފާހަގަކޮށްފައިވަނީ، ކޮމިޝަނުގެ ތަޙުޤީޤުތައް ކުރިއަށްގެންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކޮމިޝަނުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، މިންގަނޑުތަކާއި ހަމަތަކުގެ މަތިން ކަމަށެވެ.
މީގެއިތުރުން، ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރަނީ އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ވަކި ފަރާތަކަށް ބުރަނުވެ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، ކޮމިޝަނުގެ ފަންނީ އަދި އެހެނިހެން ޤާބިލުކަން ތަންދޭ އެންމެ މަތީ މިންވަރަކުން ތަޙުޤީޤުތައް އަވަސްކޮށް ފިޔަވަޅު އަޅަމުންގެންދާނެ ކަމުގެ ޔަޤީންކަން އޭސީސީން ވަނީ ދީފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެމްއެމްޕީއާރްސީ ހިޔާނާތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ދިވެހި ފުލުހުންގެ ޚިދުމަތް