ލިވަރޕޫލް ފުޓްބޯޅަ ކުލަބާއެކު ކުރިއަށްގެންދާ ވިޒިޓް މޯލްޑިވްސް ކެމްޕޭނުން ބޮޑެތި ކާމިޔާބީތަކެއް ލިބޭކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އެމްޑީ ޝިއުރީ އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޝިއުރީ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޝިއުރީ ވިދާޅުވީ ލިވަރޕޫލް ސްޓޭޑިއަމްގައި ހަރުކުރެވިފައިވާ ޑިޖިޓަލް ޑިސްޕްލޭގައި ވިޒިޓް މޯލްޑިވްސް އިޝްތިހާރުކުރެވުނު ކަމަށާއި، މިއީ އެންމެ އަގުބޮޑު އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ އެއް ޕްލެޓްފޯމްކަމަށެވެ. ޚާއްޞަކޮށް ލިވަރޕޫލްގެ ތަރި މުހައްމަދު ސަލާހު ރިކޯޑު ބްރޭކް ކުރި ލަނޑު ޖެހުމަށްފަހު ސެލެބްރޭޓްކުރި ވަގުތު ސްޓޭޑިއަމްގައި ވަށައިގެން ފެންނަން ހުރީ ވިޒިޓް މޯލްޑިވްސްގެ އިޝްތިހާރުތައްކަމަށް ޝިއުރީ ވިދާޅުވި އެވެ.
ލިވަރޕޫލަކީ އެންމެ މަތީ އެންގޭޖްމަންޓް ހޯދާ އެއް ފުޓްބޯޅަ ކުލަބުކަމަށް ޝިއުރީ ވިދާޅުވި އެވެ. މިގޮތުން މިދިޔަ އަހަރު އެ ކުލަބުގެ އެންގޭޖްމަންޓް އެއް ބިލިއަނަށްވުރެ އިތުރުވިކަމަށް ޝިއުރީ ވިދާޅުވިއެވެ.
ލިވަރޕޫލްގެ މައި އެލްއެފްސީ އެޕްލިކޭޝަން މެދުވެރިކޮށް އެމްއެމްޕީއާރްސީން ކުރިއަށްގެންދިޔަ ކެމްޕޭނުގައި 30،000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިކަމަށާއި މި ކެމްޕޭނުގެ ދަށުން އެއްވަނައަށް ދިޔަ ފަރާތަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދެވިފައިވާކަމަށް ޝިއުރީ ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައިވެސް ލިވަރޕޫލާ ގުޅިގެން ކެމްޕޭންތަކެއް ކުރިއަށްގެންދެވުނު ކަމަށް ޝިއުރީ ވިދާޅުވިއެވެ. މިގޮތުން ރާއްޖެއިން ދެ ފަރާތަކަށް ލިވަރޕޫލަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދިޔަކަން ޝިއުރީ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ޔޫކޭ ރީޖަންގައިވެސް މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް އެ ހިސާބުން ވެސް ދެ ފަރާތަކަށް މި ފުރުސަތު ދެވިފައިވާ ކަމަށް އެމްޑީ ޝިއުރީ ވިދާޅުވިއެވެ.
ޝިއުރީ ވިދާޅުވީ ކުރިއަށް އޮތްތާ ލިވަޕޫލާއެކު އިތުރު މަސައްކަތްތަކެއްވެސް ކުރަން ރާވާފައިވާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އެލްއެފްސީ ފޭން ޒޯނެއްގެ ގޮތުގައި ފުޑް ފެސްޓިވަލްއަކާއެކު ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި މި ފުޑް ފެސްޓިވަލްއަށް ލިވަޕޫލްގެ ލެޖެންޑެއް ގެނައުމުށް މަސައްކަތް ކުރަމުންދާކަން ޝިއުރީ ފާހަގަ ކުރެއްވި އެވެ.
ރާއްޖެ - ލިވަޕޫލް އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް ވިޒިޓް މޯލްޑިވްސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން
