ކެޓްރީނާ ކައިފް ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ބޮލިވުޑްގެ މަޝްހޫރު ތަރި އަދި ވިޔަފާރިވެރިޔާ ކެޓްރީނާ ކައިފް، ދިވެހިރާއްޖޭގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.

މި އިޢުލާނު ކުރެވިފައިވަނީ ވިޒިޓް މޯލްޑިވްސްގެ ސަމަރ ސޭލް ކެމްޕެއިން ފެށުމާއި ދިމާކޮށެވެ. މި ކެމްޕެއިންގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ކަނޑުގެ ދިރުންތަކާއި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ފޯރުކޮށްދޭ ޚާއްޞަ ތަޖުރިބާތައް ތަޢާރަފުކޮށް އިތުރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރުދިނުމެވެ.

ކެޓްރީނާ ކައިފަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ގިނަ އެވޯޑު ހާސިލްކޮށްފައިވާ އަދި ވިޔަފާރީގެ ދާއިރާއިންވެސް ކާމިޔާބު އަންހެން ވިޔަފާރިވެރިއެކެވެ. އޭނާގެ ފިލްމީ ކެރިއަރުގައި ގިނަ ބްލޮކްބަސްޓަރ ފިލްމުތަކެއްގައި މަސައްކަތްކޮށް، ވިޔަފާރީގެ ދާއިރާއިންވެސް ފޯބްސް އައިކަން އޮފް އެކްސެލެންސް ފަދަ ޝަރަފުވެރި އެވޯޑުތައް ހާސިލުކޮށްފައިވެއެވެ.

”ދިވެހިރާއްޖެއަކީ ޤުދުރަތީ ރީތިކަން އޮތް ތަނެއް. ސަނީ ސައިޑް އޮފް ލައިފްގެ ބްރޭންޑް އެމްބެސެޑަރަކަށް ހޮވުނީތީ ވަރަށް އުފާވޭ. މި ގުޅުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ދިވެހިރާއްޖޭގެ ޚާއްޞަ ތަޖުރިބާތައް ފޯރުކޮށްދިނުން،“ ކެޓްރީނާ ކައިފް ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި ކެޓްރީނާ ކައިފްގެ ހިތްގައިމު ޝަޚްޞިއްޔަތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާ އޮންނަ ގުޅުމަކީ ވޭތުވެދިޔަ 5 އަހަރު ވެސް ދުނިޔޭގެ އެންމެ މޮޅު ޓޫރިސްޓް ޑެސްޓިނޭޝަނަށް ހޮވިފައިވާ ދިވެހިރާއްޖެ ތަމްސީލުކުރުމަށް އެންމެ އެކަށޭނަ ކަންތައްތަކެވެ.

ވިޒިޓް މޯލްޑިވްސްއިން މީގެ ކުރިން ވަނީ ރާއްޖޭގެ ގްލޯބަލް ބްރޭންޑު އެމްބެސެޑަރުގެ މަގާމަށް މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ، އިޓަލީގެ ފެބްރީޒިއޯ ރޮމާނޯ އައްޔަންކޮށްފަ އެވެ. އޭރު ވިޒިޓް މޯލްޑިވްސްއިން ބުނެފައިވަނީ ރާއްޖޭގެ ގްލޯބަލް ބްރޭންޑު އެމްބެސެޑަރުގެ ހައިސިއްޔަތުން ފެބްރީޒިއޯ ރޮމާނޯ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށެވެ. މި ޕޯސްޓާއެކު ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފެބްރީޒިއޯ ވަނީ ބުރަކޮށް މަސައްކަތް ކުރުމަށްފަހު ހިތްހަމަޖައްސާލައި އަރާމުކޮށްލަން އެންމެ ރަނގަޅު ތަނަކީ ރާއްޖެ ކަމަށް ބުނެފައެވެ.

މިއީ ސްޕޯޓްސް ޓޫރިޒަމް އާއި ފިލްމީ ދާއިރާގެ ޓޫރިޒަމް ފުޅާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ބައެއްކަމަށް ބެލެވެ އެވެ.

އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް ވިޒިޓް މޯލްޑިވްސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ