2018 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަަލުގައި އޮންވާފައި 1 މިލިއަން ޑޮލަރަށް ރިޔާސީ ޓިކެޓު ވިއްކާލެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ 2018 ގެ ވެރިކަން ނިމުނު ގޮތާ މެދު ޕާޓީގެ އާންމު މެންބަރުން ވިދާޅުވަމުން ގެންދިޔައީ އެއީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) އާ ހެދިގެން ކަމަށެވެ. އަދި ވެރިކަން ނިމުނު ހިސާބުން ފެށިގެން ރައީސް ޔާމީނާ ދިމާލަށް ބަލައިލާނެ އެއްވެސް މީހަކު މި ޤައުމުގައި ނެތް ކަމަށެވެ.
”ހަމަގައިމުވެސް އަޅުގަނޑުމެން ކުރި ކަމަކުން ނޫން. ކުރި ކަމެއް ވިއްޔާ އެ މަނިކުފާނު ކޮށްގެން އެ ގޮނޑި ހުސްވީ. އަޅުގަނޑުމެން ކޮށްގެންނެއް ނޫން. ދެން އަޅުގަނޑުމެން އައިސް އެ ގޮނޑި ހިއްލާ ބެލިއިރު، އޭގެ ދަށުގައި އޮތީ ޑޮލަރު ބަސްތާއޭ،“ ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމަށް ގެނައުމުގައި ރައީސް ޔާމީންގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތެވެ. އެގޮތުން ޖަލުގައި އިންނަވައިގެން ރިޔާސީ ޓިކެޓް ވިއްކާލެއްވީ އެއް މިލިއަން ޑޮލަރަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި ޓިކެޓްް ވިއްކާލުމަށް މަސައްކަތް ކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ކަމަށްދޭހަވާ ގޮތަކަށް ޝުޖާއު ވިދާޅުވި އެވެ.
”ރައީސް މުޢިއްޒަށް މި ހިސާބަށް، މި ޕާޓީ އަޅުގަނޑުމެންނާއެކީ ގެނެވުނީ އާދައިގެ މަސައްކަތަކުންނެއް ނޫން. އެއީ ރައީސް ޔާމީން ހިތުލޯބިން، ހިތުލޯބިން ކުރެއްވި ކަމެއް ނޫން،“ ޝުޖާއު ވިދާޅުވި އެވެ.
މީގެއިތުރުން ޝުޖާއު ވިދާޅުވީ ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނު ބޭނުންފުޅުވަނީ ނާދެވޭނެ ހުރިހާ ގޮތެއް ރާވަން ކަމަށެވެ. އަދި އެދުވަހު އެ ޑިސިޝަން ނުނަގާނަމަ ޕާޓީގެ އެންމެން ތިބޭނީ މަގުމަތީގައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީން ކޮންގްރެސް ޕާޓީ އިބްރާހިމް ޝުޖާއު


