ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ ލިސްޓާ ގުޅޭ ޝަކުވާ ހުށަހެށުމުގެ ފުރުސަތު މިރެއަށް ހަމަވާނެ އެވެ.
ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މި ލިސްޓު އާންމު ކޮށްފައިވަނީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ. މި 4000 ފްލެޓްގެ ތެރެއިން ފްލެޓްގެ ޝަރުތު ހަމަވެ ފްލެޓު ލިބެނީ 1820 މީހުންނަށެވެ.
އެ މިނިސްޓްރީން މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މާޗް މަހުގެ 30 ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް މި މުއްދަތު އިތުރު ކޮށްފައިވަނީ މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަސްތަކެއް އައުމާ ގުޅިގެންނެވެ.
މި ލިސްޓަށް ޝަކުވާއެއްވާނަމަ gedhoruveriya@infrastructure.gov.mv އީމެއިލްއަށް ނުވަތަ އެ މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅޭނެ އެވެ.
އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ މިނިސްޓްރީގެ 4004911 އަދި 4004910 ފޯނަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ އެވެ.