ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ ފްލެޓް ލިބޭނެކަމަށް ކަނޑައަޅާ ފްލެޓް ނަންބަރު އެލޮކޭޝަން ހެދި، 75 މާކްސް ލިބުނު ހުރިހާ ފަރާތްތަކަށް 3 ކޮޓަރީގެ ފްލެޓެއް ނެތްކަމަށާއި އެ ފަރާތްތަކުން ބޭނުންވާނަމަ މިހާރުވެސް 2 ކޮޓަރީގެ ފްލެޓެއް ދެވިދާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ 76 އިން މަތިން މާކްސް ލިބިފައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ޖެހޭ ކަމަށާއި ނަމަވެސް 76 އިން މަތިން މާކްސް ލިބުނު ބައެއް ފަރާތްތަކަށް ފްލެޓް އެލޮކޭޝަން ނަހަދާ 75 މާކްސް ލިބުނު ފަރާތްތަކާއެކު ފްލެޓް އެލޮކޭޝަން ހަދާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވަނީ 76 އިން މަތިން މާކްސް ލިބުނު މީހުންގެ ތެރެއިން 330 ފަރާތަކަށް ފްލެޓް އެލޮކޭޝަން ނަހަދާ 75 މާކްސް ލިބުނު މީހުންގެ ތެރެއިން 315 ފަރާތަކަށް ފްލެޓް ނަންބަރު އެލޮކޭޝަން ހަދާފައިވާކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން 76 އިން މަތިން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް އެލޮކޭޓް ކުރަން ޖެހޭތީ އިއުލާނުގައިވާ ގޮތަށް އަސާސީ ޝަރުތުތައް ހަމަ ނުވާ ފަރާތްތައް ލިސްޓުން އުނި ކުރުމުގެ މަސައްކަތް ކުރިކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތްކޮށްގެންވެސް 330 ފްލެޓް ހަމަ ނުކުރެވުނުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”އެހެންކަމުން 75 ގެ ތެރެއިން 3 ކޮޓަރި ލިބިފައިވާ ފަރާތްތަކުގެ ފްލެޓްތައް، އެލޮކޭޝަންސްތައް ނަގާކަމަށް ވަންޏާ އެންމެން އަތުން އެއްފަހަރާ އެ އެލޮކޭޝަންތައް ނަގައިގެން ނޫން ގޮތަކަށް އިންސާފުވެރި ނުވާނެތީ އަޅުގަނޑުމެން 75 ގަ ތިބި އެންމެންނަށް ހަދާފައި އޮތް އެލޮކޭޝަންސްތައް އަޅުގަނޑުމެން ކެންސަލް ކުރީ. އަޅުގަނޑު ނުދަންނަވަން އެ ބޭފުޅުންނަށް ލިބިފަ އޮތް ފްލެޓް ލިބުން ކެންސަލްވި ވާހަކައެއް. އަޅުގަނޑު މި ދެންނެވީ ލިބޭ ފްލެޓް ނަންބަރު ކަނޑައަޅާފައި އޮތް އެލޮކޭޝަން އަޅުގަނޑުމެން ކެންސަލް ކުރީ އޭ.“ މިނިސްޓަރު ވިދާޅުވި އެވެ
މިނިސްޓަރު މުއްތަލިބް ވިދާޅުވީ 75 މާކްސް ލިބި ފްލެޓް އެލޮކޭޓްކޮށް އެފްޑީސީއާއެކު 1 ސަފްހާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 2 ކޮޓަރި ބޭނުންވާ ފަރާތްތަކަށް މިހާރުވެސް ފްލެޓް ދެވިދާނެކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ ތެރެއިން 3 ކޮޓަރި ބޭނުންވާ ފަރާތްތަކުން ޖެހޭނީ މަޑުކޮށްލަންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ 3 ކޮޓަރީގެ ގުރުއަތު ނެގޭނީ ކެންސަލްވާ ފްލެޓް ޔަގީންވުމުންކަމަށް ވާތީކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވަނީ 3 ކޮޓަރީގެ 2،800 ފްލެޓާއި 2 ކޮޓަރީގެ 1،200 ފްލެޓެވެ. މި ފްލެޓްތައް ދޫކުރަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު އިއުލާން ކުރެވުނު ލިސްޓުގައިވާ ފަރާތްތަކަށެވެ.
76 އިން މަތިން މާކްސް ލިބިފައިވާ 2،830 ފަރާތުގެ ތެރެއިން 2،408 ފަރާތަކަށް ވަނީ ފްލެޓް ނަންބަރު ކަނޑައަޅާފަ އެވެ. 422 ފަރާތަކަށް އަދިވެސް ފްލެޓް ނަންބަރު ކަނޑައެޅިފައި ނުވެއެވެ. މީގެ ތެރޭގައި 97 ދެމަފިރިން ހިމެނެ އެވެ.
މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް



