ކުއްޔަށް ދޫކުރާނަމަ ހުރިހާ ސޯޝަލް ހައުސިންގއެއް އަތުލަން ނިންމާ، ބަލާ ފާސް ކުރަން ނިކުންނަނީ

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދީފައިވާ ފަރާތްތަކުގެ އެއްބަސްވުން ބާޠިލުކޮށް، އެ ތަންތަން އަނބުރާ ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފްލެޓްތަކަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއް ކޮށްގެން، ސަބްސިޑައިޒްކޮށްފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށްވާތީ، އެ ތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެހެން ފަރާތްތަކަށް ދިނުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކުރިއަށް އޮތްތާގައި، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ އަމާން އުދަރެސް ޓަވަރުގެ ފްލެޓްތައް ހަވާލުކުރަން ފެށުމާއެކު، ބައެއް ފަރާތްތަކުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަށް އިޝްތިހާރުކުރަން ފެށުމާ ގުޅިގެންނެވެ. މިގޮތުން ތިން ކޮޓަރީގެ ފްލެޓެއް 25,000 ރުފިޔާއަށް ކުއްޔަށް ދޭން އިޝްތިހާރު ކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގާއިމްކުރި 4,000 ހައުސިންގ ޔުނިޓުގެ ތެރެއިން، އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ފްލެޓްތަކުގެ ތަޅުދަނޑި މިހާތަނަށް 62 ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވެ އެވެ.

މި ސްކީމުގެ ދަށުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި ކަނޑައަޅާފައިވަނީ 13,000 ރުފިޔާ އަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކުގެ ކުއްޔަކީ 9,000 ރުފިޔާއެވެ. ނަމަވެސް ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 9,000 ރުފިޔާއަށް އަދި ދެ ކޮޓަރީގެ ފްލެޓްތަކުގެ ކުލި 7,000 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ.

ފްލެޓް ލިބޭ ފަރާތްތަކާއި އެފްޑީސީއާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ފްލެޓްތައް ކުއްޔަށް ދިނުމަކީ މަނާކަމެއް ކަމަށާއި، އެފަދަ ޢަމަލެއް ހިންގާ ފަރާތްތަކުގެ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށް އެފްޑީސީން ވަނީ އިންޒާރު ދީފަ އެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ