މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ މާލެ ފްރޮންޓްލައިން ޕޮލިސިންގއިން ކުރި މަސައްކަތުން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 7.1 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ގެއްލިގެން ރިޕޯޓުކުރި 109 ސައިކަލު އަނބުރާ ހޯދާފައިވެ އެވެ. މި ސައިކަލުތަކުގެ ޖުމްލަ އަގު 6،878،766 ރުފިޔާއަށް އަރާއިރު، އިތުރު 20 މައްސަލައެއްގައި ގެއްލިގެން ރިޕޯޓުކޮށްފައިވާ 588،822.76 ރުފިޔާވެސް ފުލުހުންގެ މަސައްކަތުން ވަނީ ހޯދާފަ އެވެ.
މީގެ އިތުރުން ގެއްލިގެން ރިޕޯޓުކުރި 13 މޯބައިލް ފޯނާއި، 8 އިލެކްޓްރޯނިކް ސާމާނު އަދި 39 އެހެނިހެން ތަކެތިވެސް ވަނީ ހޯދާފަ އެވެ. މި ތަކެތީގެ ޖުމްލަ އަގު 229،977 ރުފިޔާއަށް އަރަ އެވެ.
ސެޕްޓެމްބަރު މަހު މާލެ ފްރޮންޓްލައިން ފުލުހުން ކުރި އިތުރު މަސައްކަތްތަކުގެ ތަފާސްހިސާބުތައްވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން 27،464 ސަރަހައްދެއް ބަލައި ފާސްކޮށްފައިވާއިރު، 1،029 ގަޑިއިރާއި 55 މިނެޓު ވަންދެން މާލެ ތެރޭގައި ޕެޓްރޯލްކޮށްފައިވެ އެވެ. މީގެ އިތުރުން 5،264 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވެ އެވެ. އަދި 86 ވެހިކަލް ޗެކްޕޮއިންޓެއް ޖަހާފައިވެ އެވެ.
ހުއްޓުވައި ސުވާލުކުރެވުނު މީހުންގެ ތެރޭގައި ކުށުގެ ރިކޯޑު އޮތް 4،776 މީހުންނާއި ރިކޯޑު ނެތް 488 މީހުން ހިމެނޭކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އެޓެންޑްވި ސީންތަކަށް ބަލާއިރު ވައްކަމުގެ މައްސަލަތަކުގައި 71 ތަނަކަށް ގޮސްފައިވެ އެވެ. އަދި އެކްސިޑެންޓްވެގެން 10 ސީންއަކަށް ދިޔަ އިރު މާރާމާރީ ހިންގައިގެން 16 ސަރަހައްދަކަށް ފުލުހުން އެޓެންޑްވި އެވެ. އަދި ފޭރުމުގެ މައްސަލަތަކުގައި 12 ސީންއަކަށް އެޓެންޑްވި އެވެ.