ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ އެއްބަސްވުން ބާޠިލްކޮށް، ފްލެޓް އަތުލެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ހަމްދާން މިހެން ވިދާޅުވެފައިވަނީ އަމާން އުދަރެސް ޓަވަރުގެ ފްލެޓްތައް ހަވާލުކުރަން ފެށުމާއެކު، ބައެއް ފަރާތްތަކުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަށް އިޝްތިހާރުކުރަން ފެށުމާ ގުޅިގެންނެވެ. މިގޮތުން ތިން ކޮޓަރީގެ ފްލެޓެއް 25,000 ރުފިޔާއަށް ކުއްޔަށް ދޭން އިޝްތިހާރު ކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ.
”އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް،“ ހަމްދާން ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގާއިމްކުރި 4,000 ހައުސިންގ ޔުނިޓުގެ ތެރެއިން، އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ފްލެޓްތަކުގެ ތަޅުދަނޑި މިހާތަނަށް 62 ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވެ އެވެ.
މި ސްކީމުގެ ދަށުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި ކަނޑައަޅާފައިވަނީ 13,000 ރުފިޔާ އަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކުގެ ކުއްޔަކީ 9,000 ރުފިޔާއެވެ. ނަމަވެސް ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 9,000 ރުފިޔާއަށް އަދި ދެ ކޮޓަރީގެ ފްލެޓްތަކުގެ ކުލި 7,000 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ.
ފްލެޓް ލިބޭ ފަރާތްތަކާއި އެފްޑީސީއާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ފްލެޓްތައް ކުއްޔަށް ދިނުމަކީ މަނާކަމެއް ކަމަށާއި، އެފަދަ ޢަމަލެއް ހިންގާ ފަރާތްތަކުގެ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށް އެފްޑީސީން ވަނީ އިންޒާރު ދީފަ އެވެ.
ހަމްދާން ޝަކީލް ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް